• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ނަފްސުގެ ޠަހާރަތު. Show all posts

ތަރުޖަމާ: އިބްރާހީމް ޢަބްދުﷲ


ޙަޔާތުގެ ނައު ދަތުރު ކުރަމުން ދަނީއެވެ. އެ ނަވުގައި އެތަށް ގޮޑިތަކެއް ބެހެއްޓިފައިވެއެވެ. ދަތުރުވެރިން ގިނަކަމުން ނައު ވަނީ ތޮއްޖެހިފައެވެ. ކުރިން މިނަވުގައިތިބީ އަހަރެމެންގެ ކުރީގެ ޖީލުތަކުގެ މީހުންނެވެ. އެމީހުން މިހާރު ނަވުން ފެންނާކަށް ނެތެވެ. އޭގެ ތެރޭގައި ވަނީ:-
އަނިޔާވެރިންނާއި އަނިޔާލިބުނު މީހުންނެވެ.
ބޮޑާ ކިބުރުވެރިންނާއި،ހިތްތިރި ތަވާޟުޢުވެރިންނެވެ.
ތަންދޮރުފިލާފައިވާމީހުންނާއި ޖާހިލުންނެވެ.
މުއްސަނދިންނާއި ފަޤީރުންނެވެ.
ދީލަތިމީހުންނާއި ދަހިވެތި މީހުންނެވެ.


ހިތްނުބައި ޙަސަދަވެރިންނާއި، އަނެކާއަށް ހެޔޮއެދޭ ހިތްސާފު މީހުންނެވެ.
އަނެކުންނަށް އުނދަގޫކުރާމީހުންނާއި، އެހީތެރި އިޙްސާންތެރިންނެވެ.
މީހުންގެ މުޅަމަސްކާ، ބަސްމަގު ހުތުރު މީހުންނާއި،ޚުލްޤުހެޔޮ އަނެކުންދެކެ ލޯބިވާމީހުންނެވެ.
ހީލަތްތެރި މަކަރުވެރިންނާއި، ނަފްސު ތާހިރު ހިތްސާފުމީހުންނެވެ.
ދޮގުވެރިންނާއި، ތެދުވެރީންނެވެ.


އަނެކުންގެ ޙައްޤުތައް ޖަހައިގަންނަ މީހުންނާއި، އަނެކުންނަށް ޞަދަޤާތްކުރާމީހުންނެވެ.
އަނެކުންނާއިމެދު ނުބައިހީތައް ކުރާމީހުންނާއި، އަނެކުންގެ ޢުޒުރު ޤަބޫލުކުރާ ހެޔޮނިޔަތުގެމީހުންނެވެ.
ޚާލިޤު ގެ އަމުރުތަކަށް ތަބާވުމުގައި މަޝްޣޫލުވާމީހުންނާއި، މަޚްލޫޤުންގެ ފަހަތުން ދުވާމީހުންނެވެ.
ހެއްދެވިފަރާތުގެ ބަސްއެހުމަށް ސަމާލުވާމީހުންނާއި، މުޚްލޫޤުންގެ ބަސް ކުރިއަށްނެރޭމީހުންނެވެ.
ހިތްނިޔަތް ޚާލިޞްކޮށް އެތެރެފުށް ރީތިކުރަން އުޅޭމީހުންނާއި، ބޭރުފުށް އޮމާންކޮށް މަޡުހަރު ރީތިކުރަން އުޅޭމީހުންނެވެ.


ތިމާގެ ވާޖިބު އަދާކުރަން އިސްކަންދޭމީހުންނާއި، ތިމާގެ ޙައްޤުތައް ނުލިބިގެން އަވަދިނެތި އުޅޭމީހުންނެވެ.
ތިމާގެ ކަމުގެ ގުޅުންތައް ކަނޑާމީހުންނާއި، އެގުޅުން ދަމަހައްޓަން އުޅޭމީހުންނާއި، ހަމަ އެކަނި ތިމާ އާއި ގުޅުން އޮންނަ ފަރާތްތަކާއި ގުޅުން ބޭއްވުމަށް އުޅޭމީހުންނެވެ.


ހެއްދެވިފަރާތުގެ ނިޢުމަތްތަކަށް ޝުކުރުވެރިވާމީހުންނާއި، އެ ނިޢުމަތްތަކާމެދު ޣާފިލުވެފައިވާމީހުންނެވެ.
މައިންބަފައިންގެ ޙައްޤުފުރިހަމައަށް އަދާކުރާމީހުންނާއި، އެބައިމީހުނަށް އިހާނާތްތެރިވާމީހުންނެވެ.
ބަލާތަކާއި މުޞީބާތްތަކަށް ކެތްތެރިވާމީހުންނާއި، ފިނޑިކަން ކުރިއަށްނެރެ ކެތްތެރިކަން ކުޑަމީހުންނެވެ.
އަނެކާގެ ފަތިފުށް ހޯދަމުންދުވާމީހުންނާއި، ތިމާގެ އުނިކަން ފާހަގަކޮށް އެކަން އިޞްލާޙުކުރަން އުޅޭމީހުންނެވެ.
އަނެކާގެ ފަރާތުން ބަދަލުހިފަން އުޅޭމީހުންނާއި، އޯގާތެރިކަން އިސްކޮށް މަޢާފުކުރާމީހުންނެވެ.
ޠާޢަތާއިގެން މަޝްޣޫލުވާމީހުންނާއި، ޙަރާމްކަންތަކަށް އަރައިގަތުމުގައި މަޝްޣޫލުވާމީހުންނެވެ.
ހެޔޮމަގަށް ގޮވާލާމީހުނަށް މަލާމާތްކުރާމީހުންނާއި، އެމަގަށް ގޮވާލުމަށް ހޮތްވަރުދޭމީހުންނެވެ.
މީސްތަކުން ޚަރާބުކުރުމުގައި ތިމާގެ ހަކަތަ ހުސްކުރާމީހުންނާއި، އިޞްލާޙުކުރުމުގައި ޖިހާދުކުރާމީހުންނެވެ.


މިހުރިހައި މީހުން ގޮވައިގެން ޙަޔާތުގެ ނައު ބާރަށް ދަތުރުކުރަމުންގޮސް ބަނދަރަށް ވާސިލުވެއެވެ.
ބަނދަރަކީ ތޯއެވެ.! ކަށްވަޅެވެ. އިސްވެބުނެވުނު ހުރިހައި ސިފަތަކެއްގެ އަހުލުވެރިން އެތާގައިވެއެވެ.


ފަޤީރުމީހާގެ ގާތުގައި ބޮޑުމަހުޖަނެއްވެސް އޮވެދާނެއެވެ.
ޞާލިޙު މީހާއާއި ޖެހިގެން ޠާލިޙު މީހާވެސް އޮވެދާނެއެވެ.
ޒާލިމުގެ ގާތުގައި މަޒްލޫމް އޮވެދާނެއެވެ.
ވަގުކަލޭގެ އަރިމަތީ މަޙްރޫމް އޮވެދާނެއެވެ.
ޢިއްޒަތްތެރިންނާއި ނިކަމެތިން އެއްތަނެއްގައެވެ.
ޢާލިމުންނާއި ޖާހިލުން އެއްތާކުއެވެ.


ޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! " ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބާތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟"
އެންމެން މަރުވެ ދިޔައީއެވެ. އެކަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ.
ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ.


ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށްބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ.
މިހާރު އެނަވުގައި މިތިބީ "އަހަރެމެންނެވެ."


އަހަރެމެން ކޮންމެމީހަކުވެސް ބަލަންވީ އެމީހަކަށް މި އިނދެވެނީ އެނަވުގެ ކޮން ސީޓެއްގައި ތޯއެވެ؟ އެމީހާގެ ކައިރި ސީޓުތަކުގައި ތިބީ ކޮންބައެއްތޯއެވެ. ؟ ކަމުނުދާތާކު އިނދެވޭނަމަ ބަދަލުވާންވީއެވެ.
އެމީހެއްގެ މަޤާމު އެމީހަކު މިހާރު ކަނޑައަޅަންވީއެވެ!
ތަރުޖަމާކުރީ: ޝިފްޒާން އަޙްމދު


އެނަންހުރި ކުންފުނިން، އޭނާއަށް ވަޒީފާއެއް ލިބުމުން، އެޒުވާނާގެ ހިތް އުފަލުން ފޮޅިގެން ދިއައެވެ. އަދި އޭނާ އުފަލުން ފަޒާގެ ތެރޭގައި އުދުހެން ފެށިފަދައެވެ. އެފަދަ ވަޒީފާއެއް، އޭނާގެ އެކުވެރިންގެ ތެރެއިން ލިބުނީ އޭނާއަށެވެ. ހަމައެކަނި އޭނާއަށެވެ. ބަރާބަރަށް ގަނޑިޔަށް ޙާޟިރުވުމާއި ހަފުތާއިން ހަފުތާއަށްކުރާ މަސައްކަތުގެ ރިޕޯޓު ހުށަހެޅުން ލާޒިމުކުރާ އެއްބަސްވުމުގެ މުއްދަތު ފާއިތުވީއެވެ. އަދި ފަރުވާކުޑަކުރާ ވަގުތުގައި އަދަބުލިބި، ބެލެހެއްޓޭނެކަމަށް އެއްބަސްވީ ޒަމާން ފަސްދިނީއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒުވާނާ އެއްދުވަހަކު އޭނާގެ މައްޗަށް ހުންނަ ވެރިޔާ ގާތަށް ހިގައްޖެއެވެ. އަދި ބުންޏެވެ. އަހުރެން މާދަމައިން ފަށައިގެން ގަނޑިތަކަށް ޙާޟިރުވުން ހުއްޓާލާނަމެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށް ރިޕޯޓުތައް ހުށައެއް ނާޅާނަމެވެ. އަދި ކިއެއްހެއްޔެވެ؟ ކުޑަކޮށް ލަސްކޮށްލާނީއެވެ. އަދި އެކަމާމެދު ފިޔަވަޅެއް އެޅިޔަކަވެސް ނުދޭނަމެވެ. އަހުރެން ވަޒީފާއިން ވަކިކުރުމުގެ ޙައްޤެއްވެސް ތިބާއަކަށް ނޯންނާނެއެވެ.
އަހަރުމެން މިޒުވާނާގެ ވާހަކަ ޚިޔާލަށް އައުމުން އޭނާއަށް މަލާމާތްކޮށް ހީހަދާނަމުއެވެ. އަދި އެއްބަޔަކު އޭނާއަކީ މޮޔަ ހަމަނުޖެހޭ މީހެއްކަމުގައި ސިފަކުރާނެއެވެ. އޭނާގެ މައްޗަށް ކަނޑައެޅިފައި ހުރި ވާޖިބުތައް އަދާކުރުމަކާ ނުލައި، ޙައްޤުތައް ހޯދަން އުޅެނީ ކޮން ހަމައަކުން ހެއްޔެވެ؟
އަހަރުމެންގެ ތެރެއިން މިއަޖައިބުކުރުވަނިވި އަމަލު ހިންގާ މީހުންގެ ޙާލަތަކީ ކޮބައިތޯއެވެ؟ އަދި އެއަށްވުރެ ނުބައިވެގެންވާ ކަމެއްކުރާ މީހުންނެވެ. އެއީ ﷲތަޢާލާގެ ޙައްޤުގައި ކުރެވޭކަމެކެވެ. ދުނިޔޭގައި އެމީހެއްގެ ވަށައިގެން މާތްﷲ ކުއުމާއި ބުއިމާއި، އަންނައުނާއި ފޭރާމާއި ދުނިޔޭގެ އަރާމު ފަދަ ނިޢުމަތްތައް ލެއްވުމުން، އެއިން ނިޢުމަތް ލިބުމަށް ފަހުގައި، އެކަލާނގެ އަމުރުކުރެއްވި އެންމެ ކުދި އާދައިގެ ކަންކަންވެސް އަދާނުކުރަނީއެވެ. އެއީ ނަމާދެވެ. އެނަމާދު އަދާކޮށްފިނަމަ، ވަގުތުގައި އަދާނުކުރެއެވެ. އެނަމާދުކުރަނީ ހާލު ފަތިހަށް ގޮވާ ބީދައިންނެވެ. އެނަމާދުގައި މަޑުމައިތިރިވެ، ބިރުވެތި ނުވެއެވެ. އަދި ކިޔާއެއްޗެއް ނުވަަކު އެގެއެވެ.

ޠަރީޤުލް އިސްލާމް ވެބްސައިޓުގައި 8800އަށް ވުރެ ގިނަ މީހުން ބައިވެރިވި، ސާވާއެއްގެ ނަތީޖާ މިލިޔުމުގައި ހިމަނައިލާނަމެވެ. އެސާވޭގައި ސައިޓުން ކުރި ސުވާލަކީ ފާއިތުވި ހަފުތާގައި ފަތިސްނަމާދުކުރީ ކިތައް ދުވަހު ތޯއެވެ؟ އަދި ނަމާދު މިސްކިތުގައި ކުރުން ޝަރުޠެއް ނުކުރަމެވެ. ނަތީޖާއަކީ ނާއުންމީދުކުރުވަނިވި ނަތީޖާއެކެވެ. ހިތާމައިގެ ކޮޅެއްނެތެވެ. 34 އިންސައްތަ މީހުންނަކީ އެއްވެސް ގޮތެއްގައި ފަތިސް ނަމާދު ނުކުރާ މީހުންނެވެ. އަދި 15 އިންސައްތަ މީހުންނަކީ މުޅި ހަފުތާގެ ތެރޭގައި އެއްފަހަރު ނުވަތަ ދެފަހަރު ނަމާދުކޮށްލި މީހުންނެވެ. އަދި 19 އިންސައްތައަކީ ހަފަހަރާއި ތިން ފަހަރާ ދެމެދުގެ ޢަދަދަކަށް ފަތިސް ނަމާދު އަދާކުޅަ މީހުންނެވެ. އަދި ބާކީވި 31 އިންސައްތަ މީހުންނަކީ ބަރާބަރަށް ފަތިސްނަމާދުކުރުމުގެ މަތީގައި ދެމިތިބޭ މީހުންނެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެއްފަހަރު ނަމާދު އަޅާފައިވާ ބަޔަކު ނިސްބަތުން މަދު ޢަދަދަކަށް ހިމެނެއެވެ. ސުބުޙާނަﷲއެވެ. މާތްﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އަހަރުމެން މިވާހަކަދައްކަނީ ޢިލްމުެވރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި އިޖުތިހާދީ މައްސަލައެއްގެ ވާހަކައެއްނޫނެވެ. މިވާހަކަދައްކަނީ ލުއި ކުރުން ހުއްދަވެގެންވާ ސުންނަތް ޢަމަލކާމެދުގައެއްވެސް ނޫނެވެ. އެހެންނަމަވެސް މިވާހަކަދައްކަނީ އިސްލާމްދީނުގެ އަލިފުބާއާމެދުގައެވެ. އެދީނުގެ އެންމެ އަސާސީކަންކަމާމެދުގައެވެ. އަޅުގަނޑުމެވާ މިދައްކަނީ، ކޮންމެ ޙާލަތެއްގައި ކޮންމެ ވަގުތެއްގައިވެސް އަދާކުރުން މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދުގެ ވާހަކައެވެ.

މާތްﷲ އެނަމާދު މުސްލިމުންގެ މައްޗަށް ފަރުޟުކުރެއްވުމާއެކު، އެނަމާދު ވަގުތުން ލަސްކުރާ މީހުންނާމެދު ވަޢުދުގެ ބަސްފުޅު ވަޙީކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (فويل للمصلين الذين هم عن صلاتهم ساهون ) މާނައީ: ނަމާދުކުރާ މީހުންނަށް ހަލާކު ހުއްޓެވެ. އެއީ އެބައިމީހުންގެ ނަމާދާމެދު ފަރުވާކުޑަވެގެންވާ ޙާލު ނަމާދުކުރާ މީހުންނެވެ. މިއާޔަތުގެ ތަފްސީރުގައި ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ނަމާދާމެދު ފަރުވާ ކުޑަވުމަކީ އެނަމާދުގެ ވަގުތުން ފަސްކުރުމެވެ. އަދި ބަހުގައި ވައިލަކީ ހަލާކެވެ. އެހެންނަމަވެސް ވައިލަކީ ނަރަކައިގެ ވާދީއަކަށް ކިޔޭ ނަމެއްވެސްމެއެވެ. ފުންވެގެންވާ ވާދީއެކެވެ. އަނދިރިކަން ގަދަވެގެންވާ ވާދީއެކެވެ. އިސްލާމީ އުންމަތް އެއުންމަތުގެ ވެރި އިލާހުގެ ފޮތް ތެދުކުރޭ ހެެއްޔެވެ؟
މިހާރަކަށް އައިސް ވަރަށްގިނަ މުސްލިމުން ފަތިސްނަމާދު އަޅައެވެ. އެބައިމީހުންގެ ބަސްފޮތްތަކުގައި އެލަފްޒުވެސް ނެތް ފަދައެވެ. އެއްބަޔަކު އެނަމާދުކުރަނީ އެނަމާދުގެ ވަގުތު ފާއިތުވާތާ ގަނޑިއިރުތަކެއް ފަހުންނެވެ. އަނެއްބަޔަކު އެނަމާދުރަނީ މެންދުރުނަމާދުގެ ކުރިން ކުޑަ ހިނދުކޮޅެއް ކުރިންނެވެ. އަނެއްބަަޔަކު އެނަމާދު ނުވެސްކުރަނީއެވެ. ﷲގެ ޙައްޤުގައި މިފަރުވާކުޑަކުރަނީ ނުވަތަ ކުރެވެނީ ކީއްވެހެއްޔެވެ؟
އަހަރުމެން އެންމެންވެސް ޤަބޫލުކުރާ ގޮތުގައި މިދުނިޔޭގައިވާ ހުރިހާ މަޚުލޫޤުންނަކަށްވުރެ މާތްﷲ އަހަރުމެން ގާތުގައި ލޮބުވެތިކަން ބޮޑުވެގެންވޭ ނޫންހެއްޔެވެ؟ އަހަރުމެން އެކަކު އަނެކަކު ދެކެ ތެދުވެރި ލޯތްބަކުން ލޯބިވެއްޖެނަމަ، އެކަކު އަނެކަކާ ބައްދަލުކުރަން ބޭނުންވެއެވެ. ކިއެއްހެއްޔެވެ؟ އެވަގުތެއް އަންނާނެ އިރަކާމެދު ވިސްނަންފަށައެވެ. ބައްދަލުވާ ވަގުތު ގާތްވާ މިންވަރަކަށް ލޮލަށް ނިދިއައުން ދަތިވެއެވެ. ލޯބިވާއާ ބައްދަލުވަންދެނެވެ. ފަތިސް ނަމާދުކުރުމުގައި ކަންނެތްވާ މީހުން ހަމަ ޙަޤީޤަތުގައިވެސް މާތްﷲއަށް ލޯބިކުރޭ ހެއްޔެވެ؟ އެކަލާނގެ މަތިވެރިކޮށް އެކަލާނގެޔާ ބައްދަލުވުމަށް އެދޭ 
ހެއްޔެވެ؟

އަހަރުމެންގެ ޚިޔާލަށް ބިލިޔަނަރެއް ގެންނަމާހެއްޔެވެ؟ އޭނާގެ މުވައްޒަފަކާ ކޮންމެ ދުވަހެއްގެ ހެދުނު ގޮވާ އޭނާގެ އޮފީހުގެ ޑިރެކްޓަރު ހޭލެއްވުން ޙަވާލުކުރެެއެވެ. ފަތިހު ފަސްގަނޑި ބައިގައެވެ. މިކަމަށް ހޭދަވަނީ އެންމެ ދިހަ މިނިޓެވެ. މިކަންކުރުމުން ކޮންމެ ދުވަހަކުވެސް އޭނާއަށް އެއްހާސް ޑޮލަރު އެޑިރެކްޓަރު ފަރާތުން ލިބެއެވެ. އަދި އެޑިރެކްޓަރަށް ގޮވާ ހޭލެއްވުމުގައި އޭނަ ދެމިހުރިހާ ދުވަހަކު މިފައިސާ ލިބޭނެއެވެ. އެހެންނަމަވެސް އެންމެ ދުވަހެއްގައިވެސް މިކަމުގައި މަޤުބޫލު ޢުޛުރެއްނަތި އިހުމާލުވެއްޖެނަމަ، މިޢިނާޔަތް އެހިސާބުން އޭނާއަށް ނުލިބޭނެއެވެ.
ލޮބުވެތި މުސްލިމު އަޚާއެވެ. ލޮބުވެތި މުސްލިމް އުޚުތެވެ. ތިބާ މިމުވައްޒަފުގެ މަޤާމުގައި ހުރިނަމަ، އެޑިރެކްޓަރުގެ ގެއަށް ކޮންމެ ދުވަހަކު ހެދުނު ނުދާނަމު ހެއްޔެވެ؟
އެއްކަލަ އެއްހާސް ޑޮަލަރުގެ ބޭނުމުގައި ކޮންމެ ދުވަހަކުވެސް ޑިރެކްޓަރު ހޭލެއްވުމަށް ރައްކާތެރިނުވާނަމުހެއްޔެވެ؟
ތިބާއަށް އެންމެ ދުވަހަކު އެޑިރެކްޓަރާ ހަމައަށް ނުދެވުނަސް އެނުދެވުނު ސަބަބުތައް ސާބިތުކުރުމުގައި ހުރިހާ މަގެއްގެ ބޭނުން ނުހިފާނަމު ހެއްޔެވެ؟

އެންމެ މަތިވެރި މިސާލު ލިބިވޮޑިގެންވަނީ މާތްﷲއަށެވެ. ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތެވެ. ތިބާއަށް ރިޒުޤުދެއްވައި، އެންމެހައި ނިޢުމަތްތައް ދެއްވީ މާތްﷲއެވެ. އެކަލާނގެ ނިޢުމަތްތައް ކޮންމެ ދުވަހަކު މިލިޔަނުން މިލިޔަނުން ގުނާލެވޭނެއެވެ. އެކަމަކު އެކަލާނގެއަށް ތެދުވެރިވުމާއި އަޅުކަން ކުރުމުގައި ފަރުވާކުޑަކުރަނީ ކީއްވެ ހެއްޔެވެ؟
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وإن تعدوا نعمة الله لا تحصوها) މާނައީ؛ އެކަލާނގެ ނިޢުމަތްތައް ގުނައި ޢަދަދުކުރަން ތިޔަބައިމީހުން އުޅުނަސް އެނިޢުމަތްތައް ގުނާ ޢަދަދު ނުކުރެވޭނެއެވެ. އެފަދަ ދީލަތިވަންތަ ރަޙީމްވަންތަ އިލާހަކަށްޓަކައި ތިބާ ކޮންމެ ދުވަހެއްގެ ފަތިހު ހޭލައި، އެކަލާނގެއަށްޓަކައި 10ވަރަކަށް މިނިޓު ހުސްކޮށްދިނުން ޙައްޤުވެގެންނުވޭ ހެއްޔެވެ؟ އެކަލާނގެ މަތިވެރި ނިޢުމަތްތަކަށާއި އެކަލާނގެ ރަޙުމަތަށް ޝުކުރުވެރިވުމުގެ 10ވަރަކަށް މިނިޓެވެ.

ފަތިސް ނަމާދާމެދު ފަރުވާކުޑަކުރުމުގެ ޙުކުމް:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. (إن الصلاة كانت على المؤمنين كتابا موقوتا) މާނައީ؛ ހަމަކަށަވަރުން ނަމާދުވަނީ މުއުމިނުން މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައެވެ.
ހަމަކަށަވަރުން އިސްލާމްދީނަކީ ދިރިއުޅުމުގެ ޝާމިލް މަންހަޖެކެވެ. އެއީ އަޅާއާއި އޭނާގެ ވެރި އިލާހާމެދުގައިވާ އެއްބަސްވުމެކެވެ. ﷲގެ ޙަޟްރަތުގައި އަޅާ އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުރެއެވެ. އެވާޖިބާތުތަކުގެ ބަދަލުގައި ޙައްޤުތަކަކާއި، ނިޢުމަތްތަކެއް މާތްﷲ އެއަޅާއަށް ދެއްވައެވެ. އެއިޤުރާރަށްފަހުގައި ހިތުހުރި ގޮތަކަށް އަޅާ ކަންކުރުމަކީ ބުއްދީގެ ތިލަފަތުން ކިރައިލިޔަސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ބޭނުންކަމެއް ކޮށްފައި، ބޭނުންނުވާ ކަންކަން ދޫކޮށްލުމަކީ މަންޠިޤީ (ލޮޖިކަލް) ކަމެއްނޫނެވެ.
މާތްﷲ ވަޙީކުރައްވައެވެ. (يا أيها الذين آمنوا ادخلوا في السلم كافة) މާނައީ؛ އޭއީމާންވެއްޖެ މީސްތަކުންނޭވެ. ސިލްމު ނުވަތަ ސަލާމަތްކަމުގެ ތެރެއަށް އެކީ އެކައްޗަކަށް ވަންނާށެވެ. މިއާޔަތުގެ ތަފްސީރުގައި މުފައްސިރުން ވިދާޅުވެއެވެ. ސިލްމަށް އެކީވަނުމުގެ މުރާދަކީ އިސްލާމްދީނަށް އެދީނުގެ އެންމެހާ ޙުކުމްތަކަކާއި ތަޝްރީޢުތައް ޤަބޫލުކުރާ ޙާލު ވަނުމެވެ. އަދި ޔަހޫދީން އެބައިމީހުންގެ މައްޗަށް ބާވައިލެއްވުނު ފޮތްތަކުގެ ތެރެއިން ހިތުހުރި އެއްޗެއް ޤަބޫލުކޮށް، އެބައިމީހުން ހިތްނޭދޭ އެއްޗެހި ދޫކޮށްލުމުން މާތްﷲ ކޯފާގެ ބަސް އެބައިމީހުނާމެދު ވަޙީކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (أفتؤمنون ببعض الكتاب وتكفرون ببعض ) މާނައީ؛ ތިޔަބައިމީހުން ފޮތުގެ އެއްބަޔަށް އީމާންވެފައި، އަނެއްބަޔަށް ކާފަރުވަނީ ހެއްޔެވެ؟

ފަތިސް ނަމާދާމެދު އިހުމާލުވެ، ފަރުވާކުޑަކުރާ މީހާއަކީ މުނާފިޤުކަން އެގި ބަޔާންވެގެންވާ މުނާފިޤެއްކަމުގައި ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!) ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "ليس صلاة ‏‏ أثقل على المنافقين من الفجر والعشاء ولو يعلمون ما فيهما (يعني من ثواب) لأتوهما ولو حبوا (أي زحفا على الأقدام" މާނައީ: ފަތިސްނަމާދާއި ޢިޝާނަމާދަށްވުރެ މުނާފިޤުންގެ މައްޗަށް ބުރަވެގެންވާ ނަމާދެއް ނުވެއެވެ. އެނަމާދުގައިވާ ދަރުމަ އެބައިމީހުންނަށް އެގޭނަމަ، ހަތަރެސްފައިގައިވެސް ނުވަތަ ބަޑުދަމަމުންވެސް އައީހެވެ. (ރިވާކުރެއްވީ އިމާމް ބުޚާރީ)
ފަރުޟު ނަމާދުތައް ދޫކޮށްލާ މީހުންގެ ކިބައިން މާތްﷲ އެކަލާނގެ ޒާތުފުޅު ބަރީއަކުރައްވަތެވެ. ނަބިއްޔާ (އެކަލާގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!) ޙަދީސްކުރައްވާފައިވެއެވެ. "‏لا ‏تترك ‏الصلاة‏ متعمدا، فإنه من ترك الصلاة ‏متعمدا فقد برئت منه ذمة الله ورسوله" މާނައީ: ނަމާދު ގަސްތުގައި ނާޅާށެވެ. އަދި ހަމަކަށަވަރުން ނަމާދު ގަސްތުގައި އަޅާފި މީހާ ދަންނާށެވެ. އެމީހެއްގެ ކިބައިން ﷲއާއި އެކަލާނގެ ރަސޫލާގެ ޒިންމަތްވަނީ ބަރީއަވެގެންނެވެ. ނުވަތަ ކެނޑިގެންނެވެ. (ރިވާކުރެއްވީ އިމާމް އަޙްމަދު)
ތިބާ އެންމެ ލޯބިވާ މީހާ ތިބާއާ ގުޅުން ކަނޑާލަން އެދެމުހެއްޔެވެ؟ ނުވަތަ ރުހެމުހެއްޔެވެ؟
ނުރުހޭނެމަ، މާތްﷲ ތިބާގެ ކިބައިން ބަރީއަވެވޮޑިގެންނަވާތޯ ނަމާދު އަޅަނީ ކިހިނަކުން ހެއްޔެވެ؟

މިލިޔުމަށްފަހު ޙައްލަކީ ކޮބައިތޯއެވެ؟
ފަތިސްނަމާދުގެ ވަގުތަށް މީހާ ހޭލައްވާނެ ކޮންމެވެސް ގޮތެއް އަހަރުމެންކުރެ ކޮންމެ މީހަކުވެސް ހޯދަންޖެހެއެވެ.
އަހަރެމެންގެ ދިރިއުޅުމުގައި ނަމާދަށް އޭގެ ޙައްޤު މަޤާމް ދޭންޖެހެއެވެ. އަހަރުމެންގެ އެންމެހާ މަސައްކަތެއްގެ އޭގެ މައްޗަށް ހުއްޓެންޖެހެއެވެ. މިގޮތުގެ އިދިކޮޅަށް ކަން ވިޔަދީގެންނުވާނެއެވެ.
އަވަހަށް ނިދައި ފަތިހު ތެދުވެ، ނަމާދުކުރުމަށްފަހު މަސައްކަތާކުރިމަތިލުމަށް ތައްޔާރުވުމެވެ. މާތްﷲ މީސްތަކުންގެ ރިޒުޤު ބައްސަވަނީ ފަތިސްގަނޑިއަށް ފަހުގައެވެ.
ފަތިސްގަނޑީގައި ނަމާދަށް ތެދުވުމަށް އެހީތެރިވެދޭ އެކުވެރިން ޚިޔާރުކުރަން ޖެހެއެވެ. އަދި އެހެން ވަގުތުތަކުގައިވެސް އެކަމަށް ވަޞިއްޔަތްކުރާނެ އެކުވެރިންތަކެކެވެ.
އަދި ނިދުމުގެ ކުރީގެ ޒިކުރުތަކާއި ދުޢާތައް ކިޔުމުގެ މައްޗަށް ރައްކާތެރިވުމާއި، ނަމާދު ކުރުމުގެ މައްޗަށް މަދަދުވެރިވެވޮޑިގެންނެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދެންނެވުމެވެ.
ނަމާދު ފާއިތުވާ ހިނދު އެކަމާމެދު ހިތާމަކޮށް، ފަރުވާކުޑަކުރެވުނުކަން ހިތްމައްޗަށް ގެނެސްގަނެ، ކުރެވުނު ފާފަ ތަކުރާރު ނުކުރުމަށް ﷲ ޙަޟްރަތުގައި ވަޢުދުވުމެވެ.
ތިޔަބޭކަލުންނާއި އަޅުގަނޑު މާތްﷲ ދެކެ ލޯބިވާ އަޅުންގެ ތެރެއިން ލައްވައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަން އަޅަމެންގެ ބަސްތަކުގަޔާއި ޢަމަލުތަކުގައި ދެއްވާނދޭވެ!
މިލިޔުމަށް ދަރުމަދެއްވުންވަނީ މާތްﷲއަށެވެ. ލިޔުމުގައި ކުށެއްވަނީނަމަ، އެއީ އަޅުގަނޑުގެ ކިބައިން ނުވަތަ ޝައިޠާނާގެ ކިބައިންނެވެ.
ނޯޓު: މިލިޔުމަކީ ޠަރީޤުލް އިސްލާމް ސައިޓުން ނަގައިފައިވާ ލިޔުމެކެވެ. އެސައިޓުގައިވެސް މިލިޔުން ލިޔުއްވި ފަރާތެއްގެ ނަމެއް ބަޔާންކުރެވިފައިނުވެއެވެ. ޞުރުޚީއަށް ބަދަލެއް ގެނެސްފައިވަނީ ލިޔުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. އަޞްލު ލިޔުމުގައިވާ ޞުރުޚީގެ ދިވެހި ތަރުޖަމާއަކީ "ފަތިސް ނަމާދު ތިބާ މާތްﷲއަށްކުރާ ލޯބި މިންކުރާނެ މިންގަނޑު" މިހެންނެވެ.
މަޞްދަރު: ޠަރީޤުލް އިސްލާމް
އަލްއިމާމް އަބޫޙާމިދިލްޣަޒާލީ
(رحمه الله ونفعنابه)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު


ދީނުގެ މާނައަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކުރުން ކަމުގައި ވީހިނދު، މުސްލިމުންގެ ޙައްޤުތައް އަދާކުރުމާއި އެމީހުންނާއި އެކުވެއުޅުން ރިވެތިކުރުމީ ދީނުގެ އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. އެހެނީ ދަތުރުގެ އެކި މަނާޒިލުތަކުގައި ދަތުރުވެރީންނާއެކު އެކުވެއުޅުން ރިވެތިކުރުމީ ދަތުރުގެ ރުކުންތަކުން ރުކުނެކެވެ. އެންމެހާ ޚަލްޤުތަކުންނީ މުސާފިރުންނެވެ. އެމީހުންނާއިގެން ޢުމުރު ދަތުރުކޮށްފައިދަނީ ދޯނި އޭގެ ބައިވެރިންނާއެކު ދަތުރުކުރާ ފަދައިންނެވެ.

ދަންނާށެވެ. އިންސާނާ މި ދުނިޔޭގައި ހުންނާނީ އެހެންނާ ގިނިކަންޏާ، އެހެންނާ އޭނާގެ އަހުލުންކުރެން ދަރިންނާއި ތިމާގެއިންނާއި އަވަށްޓެރިން ފަދަ ގާތް މީހުންނާއި އެކު، އެހެންނާ ޢާންމު މީސްތަކުންނާއި އެކުގައެވެ. މިއީ އިންސާނާ ހުންނާނޭ ތިން ހާލަތެވެ. މި އެންމެހާ ހާލަތެއްގައި އެކުވެއުޅުން ރިވެތިކުރުމާއި ޙައްޤުތައް އަދާކުރުމީ އޭނާގެ މައްޗަށް އޮތް ކަމަކެވެ.

ފުރަތަމަ ހާލަތް: މިއީ ގިނިކަންޏާ ހުންނަ ހާލަތެވެ. ދަންނާށެވެ. ނަފުސަކީ އޭގެ ޒާތުގައި ޢާލަމެކެވެ. އެ ޢާލަމްގެ ތެރޭގައި ޠަބީޢަތްތަކާއި އަޚްލާޤު ތަފާތު ކިތަންމެ ވައްތަރެއްގެ ޚަލްޤެއް ޝާމިލްވެގެންވެއެވެ. އެ ޚަލްޤުތަކާއި އެކުވެއުޅުން ރިވެތި ނުކޮށްފި ނަމައީ، އެމީހުންގެ ޙައްޤުތައް އަދާނުކޮށްފިނަމައީ ހަލާކުވެއްޖެއެވެ. އެތެރެފުށުގެ ލަޝްކަރުގެ ވައްތަރުތައް ނިކަން ގިނައެވެ. "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުތައް އެކަލާނގެ ފިޔަވާ އެހެން މީހަކަށް އެނގިއެއް ނުވެއެވެ" (މުއްދައްޘިރް ސޫރަތުގެ 1) އޭތެރެއިން ބައެއް އިޙްޔާއު ގެ ފޮތްތަކުން ހިތުގެ ޢަޖައިބުތައް ނަންގަނެވުނު ފޮތުގައި އަހަރެމެން ބަޔާންކުރީމެވެ.

މިހާރު އަހަރެމެން ބަޔާންކުރާނީ އެ ލަޝްކަރުތަކުގެ އަމީރުންނާއި ރައީސުންނެވެ. ބުނަމެވެ. އެ ޝަހުވަތަކާއެކު ފައިދާ ކަލޭގެ ނަފުސާއި ދިމާއަށް ޖާޒުބީ ވާނޭ ޝަހުވަތެއް ކަލޭގެ ކިބައިގައިވެއެވެ. އަދި އޭގެ ސަބަބުން ކަލޭގެ ނަފުސުން ގެއްލުން ދުރުކުރާނޭ ރުޅި އެއްކަލޭގެ ކިބައިގައިވެއެވެ. އަދި އެއިން ކަންކަން ތަދުބީރުކުރާނޭ، ކަލޭގެ ރައްޔިތުން ބަލަހައްޓާނޭ ބުއްދިއެއް ކަލޭގެ ކިބައިގައިވެއެވެ.ކަލޭގެ ރުޅިއަށް ބަރޯސާވާއިރު ކަލެއަކީ ރުޅިގަދަ ކުއްތާއެކެވެ. ކަލޭގެ ޝަހުވަތަށް ބަރޯސާވާއިރު ކަލެއަކީ އަހެއް ފަދަ ވަހުޝީ ޖަނަވާރެކެވެ. އަދިކަލޭގެ ބުއްދިއަށް ބަރޯސާވާއިރު ކަލެއަކީ ރަސްކަލެކެވެ. ކަލެއަށް އަމުރުވެވިގެންވަނީ އެތަކެތީގެ މެދުގައި ޢަދުލުވެރިވެ އޭގެ ވަޒަން ހަމަކޮށް ޙައްޤުތައް އަދާކޮށް، އަދި އެތަކެތީގެ އެއްބާރުލުމުން އަބަދީ އުފާ ހޯދައިގަތުމަށް އޭގެ ބޭނުންކުރުމަށެވެ.

އަސް ކިޔަމަންކޮށްފައި ކުއްތާ އަދަބުވެރިކޮށްފައި ރަސްގެފާނުގެ ޚިދުމަތަށް އެދޭތި ތައްޔާރުކުރި ނަމަ ކަލޭ އެދުނު ކޮންމެ ދިމާއަކުން ކާމިޔާބު ފަސޭހަވެގެން އަންނާނެއެވެ.

އަދި ކުއްތާ އޭގެ ރުޅިވެރިކަމާއި އަވަސްއެރުމާއެކު، ނުވަތަ އަސް އޭގެ ދަހިކަމާއި އެދުންބޮޑުކަމާއިގެން ޙުކުމްކުރާހާ ކަމެއް ހާސިލުކުރުމަށް ހީލަތް ހެދުމަށް ކަލޭގެ ބުއްދި ތައްޔާރުކުރި ނަމަ، އެދުމުގެ މަގުސަދު ހޯދައިނުގަނެވުނުތާނގައި ފަސާދައިގެ މައްޗަށް އިތުރުކޮށްފީމުއެވެ. އަދި އިދިކޮޅަށްޖެހިފައިވާ އިދިކީއްޔަކު ކަމުގައިވެ، ނުލަފާވެރި އަނިޔާވެރިއަކަށް ކަލޭ ބަދަލުވެއްޖައީމެވެ. އެހެނީ އަނިޔާއަކީ އެއެއްޗެއް އޭގެ މަހައްލު ނޫން މަހައްލަކަށް ލުމެވެ.

ފަހެ މީހެއްގެ ކިޔަމަނުގެ ދަށުގައި ރަސްކަލަކާއި ކުއްތާއަކާއި އޫރަކާއި ލެއްވުނީމާ އެމީހާ ހަމަ ކަނޑަނޭޅި އެ ކުއްތާއަށާއި އޫރާއި ދޭއްޗަށް ސަޖިދަކުރުމަށް އެ ރަސްގެފާނަށް މަޖުބޫރުކުރާ މީހަކު ކަލެއަށް ފެނުން ނަމަ އެމީހާއީ ލަޢުނަތް ޙައްގުވެފައިވާ އަނިޔާވެރިއަކު ކަމުގައި ކަލޭ ނުދެކޭނަންހެއްޔެވެ؟

އެހެންވީމާ ކަލޭގެ މައްޗަށް ވަނީ ކަލޭގެ ތިން ބައިވެރިންނާއި އެކުވެއުޅުން ރިވެތިކުރުމެވެ. އެގޮތުގެ މަތީން ރުޅީގެ ނުފޫޒުން ޝަހުވަތުގެ ގަދަކަން މައިތިރިކޮށް، ޝަހުވަތުގެ މަކަރުވެކަމުގެ ޒަރީޢާއިން ރުޅީގެ ހައްދުފަނައަޅާދިއުން ކުޑަކުރާނީއެވެ. އެއީ ބުއްދިއާއި ޝަރުޢަށް އެދޭތި ކިޔަމަންކުރުމަށްޓަކައި މަގަށްއެޅުވުމުގައި ވަރަށް ވެސް ސާފު ގޮތެކެވެ. އެއީ ޝިކާރަވެރިޔާ ބޭނުންޖެހޭހިނދުގައި ކުއްތާއާއި އަހާއި ބޭނުންކޮށްފައި ފުދިއްޖެ ހިނދުގައި ހިފަހައްޓާ ފަދައިން މަންފާހުރި ގޮތުގައި ބުއްދި، ޝަހުވަތާއި ރުޅީގެ ބޭނުން ހިފުމަށެވެ. މި ކަސްރަތު އޮޅުން ފިލުވައިދިނުމަށް ދިގު ތަފުސީލަށް ބޭނުންވެއެވެ. އަހަރެމެން އެ ތަފުސީލުތައް އިޙްޔާއު ފޮތްތަކުން ނަފުސުގެ ކަސްރަތު ނަންގަނެވުނު ފޮތުގައި ބަޔާންކުރީމެވެ.




–ނުނިމޭ-



ފުރާވަރު އުމުރަކީ، އިންސާނާގެ ޢުމުރުގައި ކުރިމަތިލާންޖެހޭ ޢުމުރުފުރާއެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބޮޑުބަދަލުތަކެއް އަންނަ މިމަރުޙަލާއަކީ ވަރަށް ނާޒުކު ފައްތަރަކަށް އިންސާނާ ގެންދާ މަރުޙަލާއެކެވެ. އެދުންތަކާއި ބޭނުންތަކުގެ ކަނޑަކަށް އިންސާނާ ޣަރަޤުވެގެންދެއެވެ. ހިތުގައި ޝައިޠާނީ ވަސްވާސްތަކަށް ދޮރުތަކެއް ހުޅުވިގެންދެއެވެ. މިފަދަ މަރުޙަލާއެއް ކަޑައްތުކުރާ ހިނދުވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފިކުރުހިންގަންޖެހޭ މަގުތަކެއް ޚިޔާލުގައި ކުރެހިގެންމެނުވީ މިކަނޑުގެ އާފާތްތަކުން މިންޖުވެގެން އަމާން ބަނދަރަކަށް ވާޞިލެއް ނުވެވޭނެއެވެ.

މިޢުމުރުގައި އަޅުވެރިދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހޯދަންޖެހޭނެއެވެ. ހަމައެފަދައިން ޝަހުވާނީ އެދުންތަކުގެ މަޅިން ރެކިގެން ކުރިއަށް ދެވޭނެ ގޮތެއް ފަހިކުރަންވާނެއެވެ. ދިރިއުޅުމުގެ ޙަޤީޤީ މަންޒިލަށް ދެވޭނެ މަގުތަކެއް ކޮށަންވާނެއެވެ. މިމަގުތަކާއި ގޮތްތައް އިސްލާމް ދީނުގައިވަނީ ބަޔާންކޮށްދީފައެވެ. ޝަހުވަތާއި ކުރިމަތިލުމަށް ނަމާދުގެ އަޅުކަމެވެ. ކެތްތެރިކަމުގެ އިމުން ދުނިޔަވީ އާފަތްތަކުގެ މުސީބާތުން މިންޖުވުމަށް އަޅުވެރިވުމެވެ. މިހިރީ ހައްތާ ވެސް މިކަނޑުގައި ފަތަން ބޭނުންކުރާނެ އާލަތްތަކެވެ.

ނަމާދު:

އިސްލާމް ދީނުގެ ތަނބަކީ ނަމާދެވެ. ނަމާދަކީ ފާޙިޝް އެންމެހައި ނުބައި ޢަމަލުތަކުން މީހާ މިންޖުކޮށްދޭ ހަތިޔާރެވެ. މިސަބަބަށްޓަކައި ކީރިތި ޤުރުއާނުގައި ނަމާދުން ބާރުލިބިގަތުމަށް އަމުރުގެ ބަސްފުޅު އައިސްފައިވެއެވެ. ހަމައެފަދައިން ޞަރީޙަ ލަފްޒުން ނަމާދު މުންކަރާތްތައް މަނާކުރާކަން އަންގަވައިފައިވެއެވެ. ހަމައެފަދައިން ބޮޑެތި ފާޙިޝް ނުބައި ޢަމަލުތަކާ އިންސާނާ ދަފަރާކުރާ ހުރަހަކީ ނަމާދުކަން ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުން އެގެއެވެ. އެހެންކަމުން ޒުވާންކަމުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމުގައިވާ ފުރާވަރުގައި ނަމާދާ ވީހާވެސް ދޯޅު މީހެއްގެ ގޮތުގައި ހުރެވޭތޯ ބަލަންޖެހެއެވެ.

ކުރިން ދެންނެވުނު ފަދައިން ފުރާވަރަކީ ޖިސްމާނީ އެދުންތަކުގެ ކަނޑުގައި އެންމެ ވަރުގަދަ ޠޫފާނު އުފެދޭ ދުވަސްވަރެވެ. އެހެންކަމުން އެދުވަސްވަރު އަޅުކަމާއި ގައިގޯޅިވެގެން އުޅުމަކީ އުދަގޫކަމެކެވެ. ދަތިކަމެކެވެ. އެހެންކަމުން އެފަދައިން ކަންކުރާ ފަރާތަކަށް މަތިވެރި ސަވާބާއި ދަރުމަ ހުރިކަމުގެ ހެޔޮ ޚަބަރު ކައުއިތުރު ނަބިއްޔާވަނީ ދެއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން ސާބިތުވާގޮތުގައި ޒުވާންކަން އަޅުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނާއަކީ މާތްﷲގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވެހިކަމެއް ނުވާދުވަހުގައި އެކަލާނގެ ހިޔާވެހިކަމުގެ އަރާމު ލިބޭނެ ހަތްމީހުންގެ ތެރެއިން އެކެކެވެ. އެހެންކަމުން މިދުވަސްވަރު ޝައިޠާނާ ދައްކާ ދަޅަތަކުގައި ޖެހިގެން ދުޅަޔަށް ނުގޮސްވޭތޯ ބަލަންޖެހެއެވެ.


މިހާރުގެ ޙާލަތު:

އަޅުގަނޑުމެންގެ ޒުވާންޖީލުގެ ޙާލަތަކީ ކޮބާތޯއެވެ؟ ނަމާދުކުރުމަކީ މުސްކުޅިންގެ އާދައެއްކަމަށް ހީކުރާބައަކު ޒުވާނުންގެ ތެރެއިން ބަޔަކުދެކެއެވެ. އަދި މަދުފަހަރެއްގައި މެނުވީ ނަމާދުކުރުމަކީ ކުރެވޭކަމެއްނޫނެވެ. ހުކުރު ނަމާދުފިޔަވައި ދެންހުރި ނަމާދުތަކަކީ ވާޖިބު ނަމާދުތަކެއްކަންވެސް އެކުދިން ނުދަންނަ ފަދައެވެ. ވަލަޛިކުރުﷲއަށް މިސްކިތްދޮށަށް ކޮންމެ ހުކުރެއްގައި ދެއެވެ.

ރޯދަ:

އިންސާނާގެ ހަށިގަޑަކީ ވަކި ނިޒާމެއްގެ ދަށުން ހިގާ އާލަތެއްފަދަ އެއްޗެކެވެ. އެނިޒާމުގައި ބަނޑުގެ ޝަހުވަތާއި ލަދުގުނަވަންތަކުގެ ޝަހުވަތަކީ ގުޅި ލާމެހިފައިވާ ދެކަމެވެ. ބަނޑުގެ ޝަހުވަތު ފުދި އިތުރަށް ފުއްދުމުން ލަދުވެތި ގުނަންތަކުގެ ޝަހުވަތު ގަދަވެއެވެ. އެއީ ދުނިޔަވީ ތަޖުރިބާއިން އެގޭކަމެކެވެ. މިދެ ޝަހުވަތުގެ މައްޗަށް ބާރު ފޯރުވާ އެންމެ ވަރުގަދަ ވަސީލަތަކީ ރޯދައިގެ މަތިވެރި އަޅުކަމެވެ. މިއަޅުކަމުގެ ސަބަބުން ބަޑުގެ ޝަހުވަތާއި ހަށިގަނޑުގެ އެހެން ޖަޒުބާތުތަކުގެ ޝަހުވަތު ރައްކާތެރި އިމުގެ ތެރޭގައި ހިފެހެއްޓިދެ އެވެ. މިކަމަކީ ފިކުރުކުރާ ކޮންމެ މީހަކަށް އެގޭނެ ފާޅުކަންބޮޑުކަމެކެވެ.

އިސްލާމްދީނުގައި ޖިސްމާނީ އެދުންވެރިކަން ފުއްދަން އޮތް ޙަލާލުމަގަކީ ކާވެންޏެވެ. ކާވެނި ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ރައްކާތެރިކަމެއް ކަމުގައި ރޯދައިގެ އަޅުކަން ފުދެއެވެ. އެހެނީ ރޯދައަކީ ޝައިޠާނާގެ ދުނިތަކުން ސަލާމަތްކޮށްދޭ އަށްޑަނައެކެވެ. މިކަން ޞަލަވާތާއި ސަލާމްލެއްވުނު ނަބިއްޔާގެ މަތިވެރި ނަބަވީ އިރުޝާދުފުޅުތަކުން ދޭހަވެއެވެ. ސުންނަތް ރޯދަތައް ހިފައި އުޅޭ މީހުންގެ ކިބައިގައި އެދުންވެރިކަން ހުންނަ މިންވަރު އެހެންމީހުންގެ ކިބައިގައި ޝަހުވާނީ އެދުންތައް ހުންނަ މިންވަރަށްވުރެ ކުޑައެވެ.

ރޯދައަކީ މާތްﷲއާއި އެކަލާނގެ އަޅުންނާ މެދުގައި އޮންނަ ސިއްރެކެވެ. ރޯދަ ބާޠިލު ވެދާކަންކަމުގެ ތެރޭގައި ޖިސްމާނީ އެދުން ފުއްދުން ހިމެނެއެވެ. މާތްﷲގެ ސިއްރަށް ރައްކާތެރިނުވުމަކީ ކުށެކެވެ. އެހެންކަމުން ރޯދަވެރިޔާ އެސިއްރަށް ރައްކާތެރިވާންޖެހެއެވެ. އެގޮތުން ޖިސްމާނީ އެދުންތައް އެއްވެސް މާނައެއްގައި ފުއްދުމާއި ދުރުހެލިވުމަކީ ރޯދަވެރިޔާގެ މައްޗަށް ވާޖިބެކެވެ. މިހެންވުމުން ރޯދައިގެ ހިޔަލުގައި ހުންނަ މީހާ އެންމެހައި ޝަހުވާނީ ޙަމަލަތަކުން އަމިއްލައަށް މިންޖުވާނެއެވެ.

މިހާރުގެ ޙާލަތު:

ސުންނަތް ރޯދަ ހިފައިލުމަކީ ދަތިކަމެއްދެއްތޯއެވެ؟ ގިނަ ޒުވާނުން ސުންނަތް ރޯދަ ހިފުމަކީ އޮތްކަމެއްކަންވެސް ނުދަނެއެވެ. ކިއެއްހެޔެވެ؟ ރޯދަ ފަރުޟުވެގެންވާ މާތް ރަމަޟާންމަހުގައި ކައިއުޅެނީ ޖެހިލުންވުމެއްނެތިއެވެ. ނަތީޖާއަކީ ރޭ އަޅުކަމުގައި ހޭދަކުރަންޖެހޭ ރޭތައް ޑީޖޭތަކުގައި ނަށުމާއި، ނުބައި ޢަމަލުތައްކުރުމުގައި ހޭދަކުރަނީއެވެ. ލޮލުން ކަރުނަ ހިލުވައިލަނީ މިފަދަ ހިތާމަވެރި މަންޒަރުތަކެވެ. މިފަދަ ޤަބޫލުކުރަން ހިތް ނޭދޭ ޙަޤީޤަތްތަކެވެ.


ބެލުން ތިރިކުރުން:

ނޫރު ސޫރަތުގެ މޫރިތި އާޔަތްތަކުން ސާބިތުވާ ފަދައިން މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުން އެބައިމީހުންގެ ބެލުންތައް ތިރިކުރަންޖެހެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން މި ތިބޭތިބުމަކީ، އިސްލާމީ އަޚްލާޤިއްޔަތާ ފުށުއަރާކަމެކެވެ. ކޮންމެހެން ބަލަން ޖެހިގެން މެނުވީ އަންހެނުންގެ މޫނަށާއި އެކަނބަލުންގެ ހަށިގަނޑުގެ ވަނާތަކަށް ބެލުމަކީ ހުއްދަކަމެއްނޫނެވެ. ފުރާވަރުގެ ދުވަސްތައް ގުނަމުންދާ ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިންގެ ހިތްތަކުގައި ހޫނުގަދަ އަލިފާން ރޯކޮށްލަނީ އެއްބަޔަކު އަނެއްބަޔަކަށް ބަލާބެލުމެވެ. ކިތަންމެ ޒުވާނުންނެއް މިފާފައިގެ ތެރަށް ޣަރަޤުވަނީ ނޭނގިތިބެއެވެ. އަދި އެކަމުގެ ނަތީޖާ ބަރުދާސްތުކުރަންޖެހެނީވެސް ކުއްލިގޮތަކަށެވެ. ބައެއްފަހަރު ލޯބީގެ ކޮންމެވެސް ގުޅުމަކުން ހަތަރުލޯ ގުޅި ޖިސްމުތައްވެސް ގުޅިދާނެއެވެ. ދެން ކުރެވުނީ ކިހައިވަރެއްގެ ފާފައެއްކަން މިއެނގެނީ މާފަހުންނެވެ. ވަގުތު ފާއިތުވާ ފަހުންނެވެ.

ބަލާ ބެލުމަކީ އިންސާނާގެ ހަށިގަނޑުގެ ހޫނުމިނަށް ބަދަލުގެންނަކަމެކެވެ. ހިތުގައި އެދުމާއި ބޭނުންވުން އުފައްދާކަމެއްވެސްމެވެ. ޖިސްމާނީ އެދުންތައް ކައްކާލާ އެންމެ މުހިންމު އެއްއަޞްލަކީ މިބެލުމެވެ. އަދި ހަމައެފަދައިން ފުރަތަމަ ނަޒަރުންވެވޭ ލޯބިކަމަށް ބައެއްޒުވާނުން ހީކުރާ އެދުންވެރިކަން އުފައްދާ އަޞްލަކީ މިބެލުމެވެ. ޅެންވެރިޔާގެ ޝުޢޫރަކީ އޭނާގެ ތަޖުރިބާގެ ޙަޤީޤަތަކަށް ވުން ވަރަށް ގާތެވެ.

''ފުރަތަމަ ނަޒަރު އެންމެ ޢިޝްޤީ އަަސަރު،
ކުރަހައިލި ތަސްވީރު ހިތުގައި މިތުރު،
ގުރަހައިގެ ތަރިހެން މަށަށް ހީވިޔޭ''

މިސަބަބުތަކަށްޓަކައި ކީރިތި ރަސޫލާ ބެލުން ޞިފަކުރައްވައިފައިވަނީ ޝައިޠާނާގެ ދުނިތަކުގެ ތެރެއިން ވިހަލެވިފައިވާ ވަރަށް ނުރައްކާތެރި ދުންޏެއްކަމުގައެވެ. ހަމައެފަދައިން އެދުނިން ރެކިއްޖެ މީހަކަށް ދުނިޔޭގައި އެކަމުގެ ބަދަލުގައި އަޅުކަމެއް ދަރުމަކުރައްވާނެކަމުގެ ހެޔޮ ޚަބަރު މާތްﷲ ދެއްވިއެވެ. އަދި އެއަޅުކަމުގެ ފޮނިކަމާއި ރާޙަތު ދެދުނިޔޭގައި ލިބޭނެކަމުގައި އަންގަވައިފައިވެއެވެ.

މިހާރުގެ ޙާލަތު:

މަގުމަތިން ހިގަމުންދާއިރު ލޯތަށް އަމާޒުވެފައި ހުންނަނީ ކޮންމެވެސް ދިމާޔަކަށެވެ. ގިނަފަހަރަށް ޖިންސުލަޠީފަކާ ދިމާލަށެވެ. ނުވަތަ އަންހެންވެރިންގެ ލޯތަށް މާރީތި، މާފިރިހެންވަންތަ ފިރިހެންކުއްޖަކާ ދިމާޔަށެވެ. މިކަންމިގޮތަކަށް ހިނގަނީ ގިނަ ފަރާތްތަކަށް މިކަމަކީ ފާފައެއްކަން ނޭނގޭތީއެވެ. އެހެނަސް އެކަން ހިނގާގޮތަށް ބަލާއިރު މިކަމަކީ ފިތުނައިގެ އަޞްލެކެވެ. މިކަމާ ދުރުހެލިވެވޭނެ މަގުތައް ދެނެގަނެ އެކަންކަމާ ދުރުހެލިވުން ވާޖިބެވެ.

ހަނގާކުރުން (ފްލަރޓްކުރުން)

ދިވެހިބަހުގައި މި އޮންނަ ހަނގާކުރުމަކީ ފަހަރުގައި ފްލަރޓްކުރުން ކަމުގައި ނުވެދާނެއެވެ. އެހެނަސް މިބަހަށްވުރެ މުނާސަބު ބަހެއް ނޭނގުމުން މިބަސްބޭނުންކުރަމެވެ. މިކަމަކީ ކޮންމެ މީހަކުވެސް މިހާރަކަށްއައިސް ކޮށްއުޅޭ ނުރައްކާތެރި "ކުޑަކުޑަ" ކަމެކެވެ. ޗެޓް ކޮޓަރިތަކުގަޔާއި ބައިސްކޯފްތަކުގައި އެންމެ ގިނައިން ހިނގާކަމަކީ މިކަމެވެ. ޒުވާނުންގެ މެދުގައި މިކަން ޢާންމުވެފައިވަނީ ކަށީ ހިފައިފައިވާ އާދައެކޭ ދެންނެވޭނެ މިންވަރަށެވެ. އަޚުންނޭވެ! މިކަމަކީ ނުރައްކާތެރި ކަމެކެވެ. އެއްޖިންސެއްގެ ޒުވާނުން އަނެއް ޖިންސެއްގެ ޒުވާނުންގެ ހިތް ހޯދުމަށް ކުރާކަންކަމަކީ ދީނުގެ ހަމައިގެ ތެރޭގައި ކުރެވެންޖެހޭކަމެކެވެ.

ކީރިތި މާތް ރަސޫލﷲގެފާނުގެ މައްޗަށް ބައިޢަތު ހިފުމަށް، މަދީނާއަށް އައިބައެއްގެ ތެރެއިން މީހަކު މަދީނާގެ އަންހެންކުއްޖަކާ ހަނގާކުރިއެވެ. އެކަމުގެ ސަބަބުން އެމީހާއާ ބައިޢަތު ހިއްޕެވުމަށް ރަސޫލުﷲގެފާނު އިންކާރުކުރެއްވިއެވެ. މިކަމުން ހަނގާކުރުމުގެ ނުބައިކަން ތަޞައްވަރުކުރެއްވޭނެއެވެ. ފަހެ، ނުބައި މިޢަމަލާ ދުރުވުން އަޅުގަނޑުމެންނަށް ރައްކައުތެރިކަން ބޮޑެވެ.

މިހާރުގެ ޙާލަތު:
ހަނގާކުރުމުގެ ކަންތައް ޒުވާނުންގެ މެދުގައި އޮތްގޮތާ މެދު އެއްޗެއް ދެންނެވުމަކީ މާބޮޑަށް ބޭނުންކަމެއްނޫނެވެ. އެންމެ ބޭފުޅުންގެ ކުރިފުޅުމަތިން އެކަން ފެންނަމުންދެއެވެ. އެކަމުގައި އެންމެހާ ޒުވާނުން ޝާމިލުވެދާ މިންވަރަށެވެ. އަދި ބައެއްފަހަރަށް ހަރުކުލައިގެ ބޭފުޅުންވެސް މިކަންކުރައްވައެވެ.

ނިންމުން

އޭފުރާވަރުގެ ދުވަސްތައް ގުނާ ޒުވާނާއެވެ. ބޮލުގެ އިސްތަށިގަޑަށް ބަދަލުގެނައުމާއި އައުފެޝަންތަށް ހޯދައިގެން އެގޮތަށް ހެދުން އެޅުމަށްވުރެ މުހިންމީ މާދަމާއަށް ރަނގަޅު ކޮއްތެއް ތައްޔާރުކުރުމެވެ. ތިފުރާގައި ޝައިޠާނާ ތިބާގެ ހިތް ބުއްދީގެ މައްޗަށް ގަދަކުރަން އުޅޭނެއެވެ. ދަނޑިވަޅަކީ ނުރައްކާތެރި ދަޑިވަޅެކެވެ. ފައްތަރަކީ ނުވިސްނައިފިނަމަ އަނދަވަޅަކަށް ވެއްޓިދާނެ ފައްތަރެކެވެ. މިބުނެދިން ކަންކަމުގެ އެހީގައި ޙިމާޔަތް ހޯދާށެވެ. ނަމާދުގެ އެހީގައި ޝައިޠާނާއަށް ހިތުގައި ހުޅުވިފައިހުރި ދޮރުތަކުގައި ބަންދުބޯޑު އަޅުވާށެވެ. ރޯދައިގެ އެހީގައި އިބިލީހާއި އޭނާގެ ބައިވެރިންގެ ޙަމަލާތަކުން ދަފަރާވާށެވެ. ބެލުން ތިރިކޮށްގެން ތިބާގެ އެދުންތަކުގައި ކަސްތޮޅު އަޅުވައި ހިލަހިލާ ޖަހައި ހިފަހައްޓާށެވެ. މިކަންކަން ކުރެވިއްޖެނަމަ ތިބާ ހުންނާނީ ދަގަނޑު ދަހަނާއެއްގެ އެހީގައި ރައްކާތެރިކުރެވިފައެވެ. ޙިމާޔަތްކުރެވިފައެވެ.
''ކޮޅަށް ހުރެ ނުވަތަ ސަޖިދައިގައި ލޮލަށް ފިނި ކަރުނަޔާ އެކުގައި،
މޮޅަށް ކުރެވޭ ދުޢާތަކަކީ، ވަރަށް މަޤުބޫލު ހަތިޔާރެއް''
މިލިޔުމުގެ މަޢުޟޫއަކީ މިއަދުގެ މުޖުތަމަޢަށް މުހިއްމު މަޢުޟޫއެކެވެ. ޒުވާނުން އެކަމަށް އިސްކަންދޭންޖެހޭކަމެކެވެ. ކޮންމެ މީހަކުވެސް މިމަޢުޟޫގައި މިބަޔާންކުރާ ޞިފަ ލިބިގަންނަންޖެހެއެވެ. މިލިޔުމަކީ މިޞްރުގެ މަޝްހޫރު ދާޢީއެއްކަމުގައިވާ ޢަމްރޫ ޚާލިދުގެ كلام من القلب ފޮތުން ދިވެހިބަހަށް ނަކަލުކޮށްފައިވާ ލިޔުމެކެވެ. ﷲގެ ޙަޡްރަތުން އެދެނީ މިލިޔުމުގެ ސަބަބުން ދިވެހިޒުވާނުންނަށް ހެޔޮ ބަދަލުތަކަކަށް މަގުފަހިކުރެއްވުމެވެ.

އަޞްލު: އަމްރޫ ޚާލިދު
ތަރުޖަމާ: ޝިފްޒާން އަޙްމަދު

ލަދުވެތިކަން


ކޮންމެ ފަރުދަކަށާއި ޢާއިލާއަކަށް އަދި މުޅި މުޖުތަމަޢަށް މުހިންމު ހެޔޮ އަސަރުތަކެއް ކުރުވާ އަޚްލާޤީ ޞިފައެކެވެ. ކޮންމެ މީހަކަށްވެސް މިޞިފަ ބޭނުންވެގެންވެއެވެ. އަދި ކޮންމެ ޢާއިލާއެއްގެތެރޭގައިވެސް މިމަތިވެރި އަޚްލާޤީ ޞިފަ އަށަގެންނެވުން މުހިންމެވެ. އަދި ކޮންމެ މުޖުތަމަޢެއްގެ ބިންގަލަކީ މިޞިފަކަމުގައި ހެދުންމުހިއްމެވެ. މިޞިފަ ނެތިއްޖެނަމަ އެތައް ޒުވާނުންނެއް ނެތި ފަނާވެގެން ހިގައިދާނެއެވެ. މިބަހަށް ހެކިދޭ ޙަޤީޤީ މިސާލުތައް އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތިން ތަމްސީލުވަމުންދެއެވެ.


ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ވަރަށްގިނަ މަޤާމްތަކުގައި މިމަތިވެރި ޞިފައިގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ މިފަދަ ނަބަވީ އިރުޝާދުތަކުން ވަރަށް މަތިވެރި މާނަތަކެއް އަޅުގަނޑުމެންނަށް ނެގިދާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އީމާންކަމުގެ ބައިތައް ފަސްދޮޅަސް ކޮންމެވެސްވަރެއްކަމުގައި ނުވަތަ ހަތްދިހަ ކޮންމެވެސްވަރެއްކަމުގައިވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ﷲފިޔަވައި އެހެންކަލަކު ނުވާކަން ޤަބޫލުކުރުމެވެ. އޭގެ އެންމެ ދަށު މިންވަރަކީ މަގުމަތިން ގެއްލުން ދުރުކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ." އީމާންކަމުގެ ވާހަކައިން ޙަދީޘްކުރައްވާ ހިނދު ލަނދުވެތިކަން ހަނދުމަކޮށްދެއްވައެވެ.

އަދިވެސް ޙަދީޘްކުރެއްވިކަމުގައި އިބްނު ޢުމަރު ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އީމާންކަމާއި ލަދުވެތިކަމަކީ ޖޯޑެކެވެ. އެއިން އެކަތި މަދުވެއްޖެނަމަ އަނެކަތިވެސް ނެތިދެއެވެ." އަދި ޢިމްރާން ބިން ޙުޞައިން ކިބައިން ރިވާވެގެންވެއެވެ. ކައުއިތުރު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ލަދުވެތިކަމަކީ މުޅިންވެސް ހެޔޮކަމެވެ." އަދިވެސް މިފަދަ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުން ނަބީކަމުގެ ބަސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދެނެގަތް ބަހަކީ:ކަލޭ ލަދުނުގަންނަނަމަ ކަލޭ ހިތުހުރިކަމެއް ކުރާށެވެ." މިބަހެވެ.

ލަދުވެތިކަމުގެ މުހިންމުކަން ބަޔާންކޮށްދޭ ޙަދީޘްތަކުގެ ގިނަކަން ތަޞައްވަރުކުރެވިއްޖެތޯއެވެ؟ އަދި އިތުރު މާތް ނަބިއްޔާއަކީ މިކަމުގައި އަޅުގަނޑުމެން އިޤުތިދާވުން ވާޖިބުވެގެންވާ މިސާލެވެ. ބުޚާރީއާއި މުސްލިމް ރިވާކުރައްވާގޮތުންނަމަ އެކަލޭގެފާނުގެ ލަދުވެތިކަން ކޮޓަރީގައި އިންނަ ރީތި އަންހެންކުއްޖާގެ ލަދުވެތިކަށްވުރެ މާބޮޑެވެ.

އީމާންކަމުގެ ބައިތަކުތެރެއިން ލަދުވެތިކަން ވަކިންފާހަގަކުރެއްވީކީއްވެ؟ އީމާންކަމުގެ އެހެނިހެން ބައިތައްކޮބާ؟

މިބަސްފުޅުގެ މަޤްޞަދަކީ އީމާންކަމުގެ އެހެންބައިތައް ގެނެސްދެނީ ލަދުވެތިކަންކަމުގައި ބަޔާންކުރެއްވުމެވެ. ޖަވާމިޢުލްކަލިމްގެ ވެރިނަބިއްޔާ އީމާންކަމުގެ ބައިތައް ހޯދައިގަންނާނެގޮތް ބުނެދެއްވާފަދައެވެ. އެއީ ލަދުވެތިކަމުން ހޯދައިގަތުމެވެ. ތިބާގެ ކިބައިގައި ލަނދުވެތިކަމުގެ ޞިފަ އަށަގެންފައިވާނަމަ ދޮގުނަހަދާނަމުއެވެ. ޣީބަނުބުނާނެއެވެ. އަދި ތިބާ ލަދުގަންނަނަމަ ތިބާގެ މައިންބަފައިންނަށް ނުކިޔަމަންތެރިނުވާނަމުއެވެ. ނަމާދު ދުލެއްނުކުރާނަމުއެވެ. އަދި ތިބާ ލަދުވެތިވާނަމަ ތިބާގެ ދީނުގެ އުޞޫލުތަކާ މެދު ފަޚުރުވެރިވާނަމުއެވެ.

ލަދުވެތިކަމުގެމާނައަކީ ކޮބާތޯއެވެ؟ ދިރިއުޅުމާއި ލަދުވަތެކިމާހުރި ގުޅުމަކީ ކޮބައިތޯއެވެ؟

ޙަޤީޤަތުގައި ލަދުވެތިކަމާއި ދިރިއުޅުމުގެ ގުޅުމަކީ ޢަޖައިބުކުރަނަވި ގުޅުމެކެވެ. ލަދުވެތިކަން ތިބާގެ ކިބައިގައި އިތުރުވި މިންވަރަކަށް ތިބާގެ ދިރިއުޅުން ތިޔާގިވާނެއެވެ.ފުރިހަމަވާނެއެވެ. ދިރިއުޅުން އެންމެ ފުރިހަމަ މީހުންނަކީ އެބައިމީހުން ކިބައިގައި ލަދުވެތިކަން އެންމެ ފުރިހަމަ މީސްމީހުންނެވެ.
ލަދުވެތިކަމުގެ ޞޫރަތައް ގިނައެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދީންއެކީ ވަނީ ލަދުވެތިކަމުންނެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ނަބިއްޔާގެ ބަސްފުޅުން ދޭހަވާފަދައިންނެވެ. އެބަސްފުޅުގެ މާނައަކީ "ކޮންމެ ދީނަކަށްވެސް ޚުލްޤެއް(އަޚްލާޤީ ޞިފައެއް) ލިބިގެންވެއެވެ. އިސްލާމްދީނުގެ ޚުލްޤަކީ ލަދުވެތިކަމެވެ."

ލަދުވެތިކަމަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާގޮތުންނަމަ އެއީ އެޞިފައެއްގެ ސަބަބުން ހަޑި ޢަމަލުތައްކުރުމާ ދުރުކުރުވާ ޞިފައެކެވެ. އެބޭފުޅުން ލަދުވެތިކަމުގެ ތަޢުރީފެއްގެ ގޮތުގައި ވިދާޅުވާ ތަޢުރީފަކީ އަންނަނިވި ތަޢުރީފެވެ. ލަދުވެތިކަމަކީ އެކަމުގެ ސަބަބުން ހަޑިމުޑުދާރު ޢަމަލުތަކާ މީހާ އެކީ ދުރުކުރުވާކަމެވެ. ތިބާއަށް ނުބައިކަންކަން ކުރުމަށް ކުޅަދާނަކަން ނުލިބޭ ޙާލަތެއް އަތުވެއްޖަނަމަ އެޙާލަތުއައީ ތިބާގެ ލަދުވެތިކަމުގެ ސަބަބުންނެވެ.

ލަދުވެތިކަމާއި ޖެހިލުންވުމުގެ (ފިނޑިކަމުގެ) ތަފާތަކީ ކޮބާ؟ (މިތާގައި މިބަޔާންކުރެވޭ ޖެހިލުންވުމަކީ ނުކުޅެދުންތެރިވުމެވެ. ފިނޑިވުމެވެ.)

ވަރަށްގިނަ ބަޔަކު ހީކުރާގޮތުގައި ލަދުވެތިކަމާއި ފިނިޑިކަމަކީ އެއްކަމެކެވެ. ނުވަތަ ޖެހިލުންވުމަކީ ލަދުވެތިކަމުގެ ބައެއްކަމަށް ހީކުރެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައި ނުކުޅެދުންތެރިކަން ނުވަތަ ޖެހިލުންވުމަކީ ލަނދުވެތިކަމުގެ އިދިކޮޅެވެ. އެއީ ޝަޚްޞިއްޔަތުގައި އުނިކަމެއްހުރުމެވެ. އެއީ އެޞިފައިގެ ސަބަބުން އޭނާއަށް އޭނާ އެހެންމީހުންނަށްވުރެ ނިކަމެތި ކަމުގައި ހީވާތީއެވެ. އަދި ނުބައި ކަމެއް އެބައިމީހުންގެ ކިބައިން ނުހިގިޔަސް އެމީހުންނާ ކުރިމަތިލުމުގެ ކުޅަދާނަކަން ޖެހިލުންވާ މީހާއަށް ލިބިފައިނުވެއެވެ. މިކަމަކީ މުޅިން ލަނދުވެތިކަމާ ތަފާތުކަމެކެވެ. ލަނދުވެތިކަމަކީ ނަފްސުގެ މަތިވެރިކަމާ ގުޅިފައިވާކަމެކެވެ. އަހުރެންގެ ނަފްސުގެ ޢިއްޒަތް މަތިވެރިވެ، އުފުލުނު މިންވަރަކަށް ނުބައިކަންތައްތައް ކުރުމަށް ލަނދުވެތިވާނެއެވެ. ލަނދުވެތިވާ މީހާ ޒިނޭކުރަން ލަނދުވެތިވެއެވެ. އަދި ދޮގުހަދަން ޖެހިލުންވެއެވެ. އެއީ އޭނާގެ ނަފްސު އެފަދަ ނުބައި ކަންތައްތަކެއްގެ ތެރަށް ވެއްޓުމަށް ބޭނުންނުވާތީވެއެވެ. އެކަމަކު ޖެހިލުންވާ މީހާއަށް މީހަކަށް ނުފެނި މިފަދަ ކަމެއްކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަމެއްކުރާނެއެވެ.

އަދި ޙަޤީޤަތުގައި އަޅުގަނޑަށްވަނީ އިސްލާމީ މުހިންމު ޝަޚްޞިއްޔަތެއްގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ފޯރައިފައެވެ. އެއީﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުޘްމާން ބިން ޢައްފާންގެ މަތިވެރި ޝަޚްޞިއްޔަތެވެ. އެކަލޭގެފާނަށް ލަދުވެތިކަމުގެ މަތިވެރި ޞިފަލިބިވަޑައިގެންފާވާ މިންވަރުގެ ސަބަބުން ކައުއިތުރު ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ." އެކަލޭގެފާނުގެ ލަނދުވެތިކަމުގެ ގަދަކަމުން މަލާއިކަތުން އެކަލޭގެފާނާމެދު ލަދުވެތިވެއެވެ." އިމާމް އަޙްމަދު- އަޅުގަނޑު އެދެނީ، މަލާއިކަތުން އެބޭކަލަކާމެދު ލަދުވެތިވަޑައިގަންނަވާ މިކަލޭގެފާނާއި އަޅުގަނޑު ސުވަރުގޭގައި އެއްތަންކުރެއްވުމެވެ. އެހެންނަމަވެސް މިކަލޭގެފާނުގެ ލަދުވެތިކަމުގެ ސަބަބުން އެކަލޭގެފާނުގެ ޙައްޤު ހޯއްދެވުމަށް މަސައްކަތް ނުކުރައްވައި ނުހުންނަވައެވެ. އަދި މިޞިފަ އެކަލޭގެފާނުގެ ޙައްޤު ހޯއްދެވުމަށް ހުރަސްވެސް ނާޅައެވެ. އަދި މިއީ ނުކުޅެދުންތެރިކަމާއި ޖެހިލުންވުމުގެ އިދިކޮޅެވެ. ޖެހިލުންވާމީހާ އޭނާގެ ޙައްޤު ހޯދާކަށް ނޫޅޭނެއެވެ.

ދެން ތިޔަ އަރިސްތަކާއިގެން އެހެންނުކުތާއަކަށް ޖެހިލާނަމެވެ.

ލަދުވެތިކަމަކީ އުފަންވުމުގައި ފިޠުރަތުގައި ހިމެނޭ ޞިފައެއްތޯ ނުވަތަ މަސައްކަތުން ހޯދައިގަނެވޭނެ ޞިފައެއްތޯއެވެ؟

އާއެކެވެ. އަހަރުމެން އުފަންވާއިރު ފިޠުރަތުން ބައެއް ޞިފަތައް ލައްވައެވެ. މިކަމާބެހޭ ވަރަށް ފުރިހަމަ ނަބަވީ އިރުޝާދެއް ހަދާންވެއެވެ. އެބަސްފުޅުގެ މާނައަކީ:"ޢިލްމުވެރިވެވޭނީ ޢިލްމު ހޯދައިގަތުމުންނެވެ. އަދި ޙިލްމުވެރިވެވޭނީ ޙިލްމުވެރިވުމުންނެވެ."

މަސައްކަތުން ހޯދައިގަނުގަނެވޭނެ އެއްވެސް ޞިފައެއްނެތް ކަމުގައި ނަބިއްޔާ އިރުޝާދު ދެއްވާފަދައެވެ. ކެތްތެރިވާން ފެށިމާ ތިބާއަށް ކެތްތެރިކަން ދަސްވާނެއެވެ. އަދި ތިބާއަކީ ދޮގުހަދާމީހެއްނަމަ މަސައްކަތުން ތެދުހަދަން ދަސްކުރެވިދާނެއެވެ. ހަމައެފަދައިން ލަދުވެތިވުމުގެ ޞިފަ ތިބާގެ ކިބައިގައި ނެތްނަމަ މަސައްކަތުން ތިބާއަކީ ލަދުވެތިވާ މީހެއްކަމުގައި ވެވިދާނެއެވެ. ....އަހަރުމެންނަށް ކައުއިތުރު ރަސޫލާގެ ޞަޙާބީންގެ ކިބައިން އުގެނިގަތުން ފުދެއެވެ. އެބޭކަލުން އިސްލާމްވެވަވަޑައިގަތުމުގެ ކުރިންތިއްބެވި ގޮތް ފަހުން ތިއްބެވި ގޮތާވަރަށް ތަފާތެވެ. އެހެންނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު މިދީނާއި ގުޅިވަޑައިގެން މިދީނުގެ އަޚްލާޤުން ޒީނަތްތެރިވެވަޑައިގެންނެވިއެވެ.

ޙަޤީޤީ ވާހަކައެއް


ޙަޤީޤީ އުފާވެރިކަންވަނީ މާތްﷲއަށް ކިޔަމަންވުމާއި އެކަލާގެއާ މެދު ލަދުވެތިވުމުގައެވެ.

އަހަރެންގެ ނަމަކީ ޝަރީފެވެ. އެންމެ ނުބައި ގޮތުން އެންމެ ރަނގަޅު ހެޔޮގޮތަށް އަހުރެން ބަދަލުވީ ގޮތުގެ ވާހަކަ ކިޔައިދޭނަމެވެ. އެންމެ ފުރަތަމަ އަހަރެން ދިރިއުޅުނީ އެހެން ޒުވާނުންނެކޭ އެއްފަދައިންނެވެ. ވިސްނުމާއި ފިކުރުކުރުމެއް ނެތް "ހާސްކަމެއް ނުވާ" ދިރިއުޅުމެކެވެ. އަހަރެން ބޭނުން ކޮންމެ ކަމެއް އަހަރެން ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ކުރަމެވެ. ފަހަރެއްގައި އަރެންގެ ތަރުބިއްޔަތުގެ ފެށުމަކީ އިސްލާމީ ތަރުބިއްޔަތުކަމުގައި ވެދާނެއެވެ. އަހަރެންގެ ޢާއިލާއަކީ ދީނަށް ރައްކާތެރިވާ ޢާއިލާއެކެވެ. އަހަރެން ބޮޑުވަންދެން އަހަންނަށް ދަސްކޮށްދީފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަންފަދަ ޞިފަތަކެވެ. ނަމާދު އަދާކުރުން މަތީ ދެމިހުރުމެވެ. މިފަދަ ހެޔޮ ކަންކަމެވެ. އެހެންނަމަވެސް ބޮޑުވުމާއެކު އަހަރެންގެ އުޅުން ބަދަލުވާންފެށިއެވެ. ބައިވަރު ކަންތައްތަކެއްގެ ސަބަބުންނެވެ. އެކަންކަމުގެ ތެރޭގައި އަހަރެންގެ ކިޔެވުން ހިމެނެއެވެ. އަހަރެން ކިޔަވަމުން އައީ ބަސްތަކާ ބެހޭ މަދުރަސާއެއްގައެވެ. ދެޖިންސުގެ ކުދިންނަށް އެކީ ކިޔަވައިދޭ މަދުރަސާއެކެވެ. އެތާގައި ކިޔަވާކުއްޖާ ކޮންމެ ކަމެއްވެސް ކުރަންވީއެވެ. މިސާލަކަށް ބުނާނަމަ މުދައްރިސަށް އުދަގޫކުރަނީއެވެ. އަންހެންކުދިންނާ ނަހަމަ ގުޅުންތައް ހިންގަނީއެވެ. އަދި ބޭނުން ކޮންމެ އެއްޗެއް ބޭނުންކުރަންވީއެވެ. މިއުޅުމަކީ މިމަދުރަސާގައި ލޯބިކުރެވޭ އުޅުމެވެ. އެއުޅުމަކަށް ބާރުދެވޭ އުޅުމެވެ. އަހަރެން މަދުރަސާގައި ކުރިޔަށް ދިޔައީ މިމަގުންނެވެ. ޔުނިވަރސިޓީ ޙަޔާތުގެ ދުވަސްތައް ނިމިދިޔައީވެސް މިގޮތުގައެވެ... މީހަކަށް ތަޞައްވަރުކުރެވޭނެ ހުރިހައި ނުބައިކަންތައްތަކެއް އަހުރެންކުރީމެވެ. އަދި އަހަރެންގެ ޢާއިލާއާއި ފުލުހުން ރުޅިއަރާނެހާ ކަމެއް އަހުރެން ކުރީމެވެ. މިމަގުގައި ޙަޤީޤީ އަރާމެއް އުފަލެއްނުވެއެވެ. އަހަރެން ނިދައިފައިވަނިކޮށް އަހަރެންގެ އަޖަލު ހަމަވެދާނެތީ އަހަރެން ބިރުވެތިވީމެވެ. އެއިރުން އަހަރެން މަރުވާނީ ކުށްފާފައިގެ މަތީގައެވެ. އެއިރު އަހަރެން ހުރި ނުބައި ގޮތުގެ މަތީގައެވެ.

އެހެންނަމަވެސް އެއިގެ ފަހުން ޙަޔާތާމެދު ވިސްނައި އަމިއްލަ ޢަމަލުތައް މުރާޖަޢާކުރަން މަޖުބޫރުކުރުވާ ފަދަ ބައިވަރުކަންކަން ދިމާވާންފެށިއެވެ. މިސާލަކަށް ބުނާނަމަ އަހަންނާއި އަހަރެންގެ ރަޙުމަތްތެރިޔަކާ ދެމީހުން ކާރު ދުއްވަނިކޮށް އެކްސިޑެންޓްވިއެވެ. އެއެކްސިޑެންޓަކީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެކެވެ. އަހަރުމެން މަރުނުވީ ހަމަކިރިޔާއެވެ. އެތައް އޮޕަރޭޝަނަކަށްފަހު މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން ދެމީހުން ސަލާމަތްވިއެވެ. މިކަންތަކަށް ފަހު އަހަރެންގެ ބައްޕަ އަހަރެންނާވަކިން ބައްދަލުކޮށް ބުންޏެވެ. "ކަލޭގެ ސަބަބުން ތިމަންއަށް އެއްވެސް ފައިދާއެއްނުވިއެވެ. ކަލޭ ހެޔޮ ގޮތުގައި އުޅެއްޖެނަމަ އެކަމުގެ ހެޔޮކަން ހުރީ ކަލެއަށެވެ. ނުބައިކޮށް އުޅޭނަމަ ކަލޭ މަރުވާނީ އެނުބައި ގޮތުގެ މަތީގައެވެ." އެބަހަށްފަހު ރަނގަޅުވެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު އެގޮތުގައި ހިފަހައްޓާލެވުނީ އެންމެ ތިންމަސްދުވަހެވެ. އެހެނީ އަހަރެންގެ އެކުވެރިންނަކީ ހައްތާވެސް އަހަރެންކަހަލަ މީހުންނެވެ. އެމީހުންގެ ސަބަބުން އަނެއްކާވެސް މަގު އޮޅުނީއެވެ. ގޯސް މަގުތަކުން ދާން ފެށުނީއެވެ.

އެއިގެ ފަހުން އެތައް ޙާދިސާތަކެއް ހިގިއެވެ. ﷲ އަހަންނަށް އިންޒާރު ކުރައްވާ ފަދައެވެ. ކާރު އެކްސިޑެންޓެއްގައި އަހަރެންނާ އެއްޢުމުރެއްގެ އެކުވެރިއަކު މަރުވިއެވެ. ޠަބީޢީ ހާލަތް ނޫން އެހެން ޙާލަތެއްގައި ހުރެ އެކަކު ވަޅަކަށް ވެއްޓި މަރުވީއެވެ. އަދި އަނެކަކު މަޖާކުރަމުން ގޮސް އޭނާގެ އަމިއްލަ ނަފްސު މަރައިލީއެވެ.

އަހަރެންގެ ގާތް މީހަކު މަރުވާ ކޮންމެ ފަހަރަކު ހިތަށް އަރަނީ ދެން މަރުވާނީ އަހަރެންކަމުގައެވެ. އަހަރުމެންގެ ތެރެއިން އެކަކު ޑްރަގު އޯވަރ ޑޯސްވެގެން ވަރުވަންދެނެވެ. އޭނާއަކީ އަހަރެމެންގެ ތެރެއިން އެންމެ ވަރުގަދަ މީހާއެވެ. އަދި އޭނާގެ ޕޯސްޓުމޯޓަމް ހަދާ ތަނަށް ދިޔަވަގުތު އޭނާ ގަބުކައިފައިވާތަން ދެކުނީމެވެ. އޭނާގެ ގުނަވަންތައް ބުރިކޮށް ފަޅައި ހެދިއިރު އެއްވެސް ރައްދެއްނުދެއެވެ. ދެކޮޅު ހަދައިނުލެވުނުތާގައި ހިރިވެސް ނުލެވުނެވެ. އަދި އެއިންކަމެއް ހުއްޓުވުމަކަށް އެދުވަހު އޭނާއަކަށް ކުޅަދާނަކަން ނުލިބުނެވެ. އެވަގުތު އަހަންނަށް ވަރަށް ބިރުވެރި އިޙްސާސްތަކެއް ކުރެވުނެވެ. އޭނާއާއި ޙިސާބުގެ މަލާއިކަތުންނާ މެދު އެއިރު ހިގަމުންދާނެ ކަންކަން ހިތަށް ގެނެވުމުންނެވެ. އަހަރެން ދެން ނިންމީ އަހަރެންގެ ނަފްސް ނުބައިކަންކަމުން ސަލާމަތްކޮށް، ﷲގެ ފަރާތުން އަންނަ އިންޒާރުތަކަށް ސަމާލުކުރުވުމަށެވެ. އެއާއެއްގޮތަށް ފިޔަވަޅު އަޅާށެވެ.

އަދި ރަނގަޅު އެކުވެރިން ކޮޅަކާއެކީ ބޭރަށް ދާން ފެށީމެވެ. އެމީހުން ކޮންމެ ހޯމަދުވަހެއްގައި ކޮންމެވެސް މިސްކިތަކަށް ދަރުސް އަޑު އަހައިލަން ދެއެވެ. އެންމެ ފުރަތަމަ މިދަރުސްތައް އަޑުއެހުމާ އަހަރެން ދެކޮޅު ހެދީމެވެ. އެމީހުންނާއެކީ އެއްދަރުސަށް ދިއުމުގެ ކުރިން އަހަރެން އެއެކުވެރިންނާ މެދު ހީކުރީ އެންމެ ރަނގަޅުގޮތަކަށް ހީއެއްނޫނެވެ.

މިއީ އަހަރެން ޙަޔާތުގެ ބަދަލުވުމުގެ ފެށުމެވެ. އަހަރެން އިޞްލާޙުވުމުގެ ކޮޅުމައްޗެވެ. އަހަރެން ވިސްނިގޮތާ ޚިލާފަށް އެމީހުންވީ ހެޔޮ ރަނގަޅު ޒުވާނުންތަކެއްކަމުގައެވެ. އަހަރެން އެންމެ ފުރަތަމަ ދިޔަ ދަރުސްގައި ނަޞޭޙަތް ދެއްވީ ހިތްޕުޅު ހެޔޮ ޝައިޚެކެވެ. ހުރިހާ ވަގުތެއްގައިވެސް ހިނިތުންވެލައްވައެވެ. އަދި ސީރަތުގެ ބައިތަކާއި ނަބަވީ އިރުޝާދުތައް ޝަރަޙަކުރައްވައެވެ. އަދި ޤިޔާމަތުގެ ގޯތި ޞިފަކުރައްވައެވެ.މަރާއި އަލުނ ދިރުއްވުމާއި ޙިސާބުބެއްލެވުމުގެ ވާހަކަތައް ކިޔައިދެއްވިއެވެ. މިހުރިހާކަމަކީވެސް އަހަރެންގެ ޙަޔާތް އެއިރު އޮތް ފައްތަރާއި ނަފްސުގެ ޙާލަތާ ގުޅުންހުރި ކަންކަމެވެ.

އަހަރެންނަށް އޭނާގެ ސަބަބުން ވަރަށް އަސަރުކުރިއެވެ. އަހަރެން ނިންމީ މިވާހަކަތަކަކީ ހަމައެކަނި އަޑު އަހާލާ ވާހަކަތަކަކަށް ނުހެދުމަށެވެ. އެއަށް ޢަމަލުކުރުމަށެވެ. އަހަރެންގެ އެކުވެރިން އަހަންނަށް އެއަށްފަހު ރަނގަޅު އެހެންޒުވާނުންތަކެއް ތަޢާރަފުކޮށްދިނެވެ. އެމީހުން ކުޅެންވެސް ދެއެވެ. އަދި ދަރުސްތަކަށް ގޮސް ނަމާދުކޮށް އުޅެއެވެ. އަދި ރޭގަޑު ކައިއުޅެނީ އެންމެން އެކީގައެވެ. އެމީހުންގެ ދިރިއުޅުން ވަރަށް ރީތިކަމުގައި އަހަންނަށް ފެނުނެވެ. އަދި ހީކުރިގޮތަށް އެމީހުންގެ ޙަޔާތަކީ ފޫހި ދިރިއުޅުމެއް ނޫންކަން އަހަންނަށް އިނގުނެވެ.

އެމީހުން ނަމާދު ކުރާފަދައިން ކުޅެމަޖާކުރެއެވެ. އަދި ހުސްވަގުތައް ރަނގަޅުގޮތުގައި ހޭދަކުރެއެވެ.

އަހަރެން އެމީހުންފަދައިން ވުމަށް ނިންމީމެވެ. އެހެނީ އަހަރެންނަކީ އެމީހުންނަށް ވުރެ ދެރަ މީހަކީމެއްނޫނީމުއެވެ. ދަރުސްތައް އަޑުއަހައި ޤުރުއާން ކިޔަވަން ފަށައިފީމުއެވެ. އަހަރެން އުޅެންވީ ރަނގަޅުގޮތް އަހަންނަށް ފެނުނެވެ. އަދިއެގޮތަށް އުޅުމަކީ ދަތިކަމެއް ނޫންކަންވެސް އިގުނެވެ. އަދި މިއީ އަހަރެމެންނަށް ﷲ ބޭނުންވެ ވޮޑިގަންނަވާ ދިރިއުޅުންކަން އިގުނެވެ. އަހަރުމެން ދިރިއުޅެންވާނީ ކޮންމެ ވަގުތެއްގައި ދުނިޔޭގެ ދަންފަޅި ހަމަކުރަން ޖެހުނަސް މާތްﷲއާ ބައްދަލުކުރުމަށް ތައްޔާރަށް ތިބޭ ބައަކަށެވެ. މާތްﷲއާ ބައްދަލުކުރުމަށް ލޯބިކޮށްފި މީހަކާ ބައްދަލުކުރެއްވުމަށް ﷲ ލޯބިކުރައްވާނެއެވެ. އަހަރުމެން ކުރެ ﷲއާ ބައްދަލުކުރަން ލޯބިކުރަނީ ކާކުބާ؟ އެކަކުވެސް މަރަށް ލޯބި ނުކުރެއެވެ. މަރުގެ ވާހަކަ އަޑެއް ނުއަހައެވެ. އެކަކުވެސް މަރާމެދު ނުވެސްވިސްނައެވެ.
މިވާހަކައާ މެދު ވިސްނައިފިނަމަ ތިބާއަށް މީރަނގަޅުވާހަކަކަން އިނގޭނެއެވެ. އަދި ﷲ އެދިވަޑައިގަންނަވާގޮތަކީ މީކަން އެގޭނެއެވެ.

ދެން އޮތީ އަނެއްކާވެސް އަހަރެންގެ ވާހަކައެވެ. އަހަރެން އިޞްލާޙުވުމަށްފަހު އަހަރެން ކޮލެޖް ތަޢުލީމު ފުރިހަމަކޮށްފީމެވެ. މިޞްރުގެ އެކައުންޓުގެ މަސައްކަތްކުރާ ބޮޑު އޮފީހެއްގައި އަހަރެން އުޅުނީމެވެ. އެއަށްފަހަރު އެތަނުން ކެޑިއްޖައިމެވެ. ދެން އަދި އަހަރެން އެހެން ބޮޑު ކުންފުންޏެއްގައި މަސައްކަތްކުރަން ފެށީމެވެ. މިހާރު އަހަރެން މިވަނީ މެދުއިރުމަތީގައި އެކުންފުނީގެ މެނޭޖަރުގެ މަޤާމަށް ޕްރޮމޯޓްކުރެވިފައެވެ. މިއީ ﷲގެ ދީލަތިވަންތަކަމެވެ. އަދި އެކަލާނގެ އަހަންނަށް އީމާންކަމުގެ ނިޢުމަތް ދެއްވުމުންނެވެ.

(ޠަލާޤު:6):- "ﷲއަށް ތަޤްވާވެރިވާ މީހާއަށް ކޮންމެކަމަކުންވެސް ފަސޭހަމަގު ތަނަވަސްކޮށްދެއްވައެވެ."

އަހަރެންގެ ތަޖުރިބާގެ ޚުލާޞާއަކީ ޙަޤީޤީ އުފާވަނީ މާތްﷲއަށް އީމާންވުމާއި އެކަލާނގެއާ މެދު ލަދުވެތިވުމުގައެވެ. އަދި ރަނގަޅު ޞާލިޙް ކޮންމެ މީހަކުވެސް ވާންވާނީ އެންމެ ފުދުންތެރި މީހުންގެތެރެއިންނެވެ.

އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢިން ފެންނަ ލަދުކުޑަކަމުގެ ބައެއް މިސާލުތައް: (އަޅުގަނޑުމެން އެދެނީ ޒުވާނުން ވިސްނައި މިކަންކަމާ ދުރުހެލިވުމެވެ.)

1 ޑިސްކޯ 2 އަންހެންކުދިންނާ މަގުމަތީގައި ފޮށުން

އަންހެނުންނާ ފޮށުމަކީ މިއަދު މުޅި މުޖުތަމަޢުގައި ޢާންމު ވެފައިވާ އާދައެކެވެ. އެއީ ކޮންމެ މީހަކުވެސް މިކަމުގެ ތެރޭގައި ޝާމިލްވެދާ މިންވަރަށެވެ. ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޠާހިރު ސުންނަތުން މިމައްސަލައާ ގުޅުން ހުރި ވާހަކައެއްފެނެއެވެ. އެއްފަހަރަކު ރަސޫލުﷲގެ އަރިއަހަށް ބައިޢަތު ހިފުމަށް އައި ޖަމާޢަތެއްގެ ތެރޭގައި ޤައިސޭ ކިޔުނު މީހަކު ހުއްޓެވެ. މިޤައިސް ކުޅަކަމަކީ މަދީނާގެ މަގުމަތިން މަދީނާގެ އަންހެންކުއްޖެއް ފަހަތު އަޅުވައިލައިގެން ދިޔައީއެވެ. މާނައަކީ ފޮށުނީއެވެ. ދެން އަނެއްދުވަހު މިބައިމީހުން ރަސޫލާގެ އަރިހަށް ގޮސް ބައިޢަތު ހިފަންފެށިއެވެ. ކޮންމެ މީހަކުވެސް ވަކިންނެވެ. ޤައިސް ބައިޢަތު ހިފުމުގެ ވަގުތު ޖެހުނު ހިނދު ސަލާމާއި ޞަލަވާތް ލެއްވުނު ނަބިއްޔާ އޭނާގެ އަތުގައި ގަދައަށް ހިއްޕެވިއެވެ. އަދި އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "ކަލެޔަކީ އިއްޔެގެ ވެރިޔާއެވެ." މިބަސްފުޅުގެ މުރާދަކީ އިއްޔެ ހިގައިދިޔަ ނުބައި ޢަމަލު ހިންގި މީހަކީ ކަލޭއެވެ. އަދި ހަނުހިމޭނުން ހުންނަވައިފިއެވެ. އަދި ނަބިއްޔާ އެކަލޭގެފާނުގެ މޫނުފުޅު އޭނާއާ ވީފަރާތްނޫން އަނެއް ފަރާތަށް އަބުރައިލެއްވިއެވެ. އޭނާ ނަބިއްޔާގެ އަރިހަށް އަވަހަށް ގާތްވެގަތެވެ. އަދި ބުންޏެވެ. "އޭ ރަސޫލުﷲއެވެ. އަޅުގަނޑާ ބައިޢަތު ހިއްޕަވާށެވެ. އަޅުގަނޑު ދެންއެކަހަލަ ކަމެއްނުކުރާނަމެވެ." އެހިނދު ނަބިއްޔާ އިރުކޮޅަކުން އެއްބަސްވެވަޑައިގަތެވެ.

ވިސްނަވާށެވެ. އެކަލޭގެފާނު އޭނާއާ ބައިޢަތު ހިއްޕަވުމާ ދެކޮޅު ހެއްދެވިއެވެ. މިކަމަކީ ނުރައްކާތެރި ކަމެކެވެ.
މިކަމަކީ ނުރައްކާތެރިކަމެކެވެ. އެއްވެސް މީހަކު އަނެކާ އެމީހެއްގެ ދައްތަ ނުވަތަ މަންމައާއި ފޮށުމާމެދު ހިތްހަމަ ޖެހޭނެކަމަކަށް ނުފެނެއެވެ.
އަދި ލަދުވެތިކަމުގެ އިމުން ބޭރުވުމުގެ މިސާލުތަކުގެ ތެރެއިންވެއެވެ.:

1 އަންހެންކުދިން ސިގެރެޓްބުއިން

2 ހެދުންތައް ހާމަކަންމަތީ ފެންނަގޮތަށް ބެހެއްޓުން. އަހަރުމެންނަށް ގޭގޭގެ ރޯނުގައި ނިދާ ހެދުމާއި އެތެރެއިންލާ ސާމާނު ނިވާކަމެއްނެތި އަޅުވައިފައި ހުންނާތީ ފެނެއެވެ.

3 އަހަރުމެންގެ މިޒަމާނުގައި ފެތުރިގެން އުޅޭ ނުރަނގަޅު އާދައެކެވެ. ޗެޓްކުރުމުގެ ނަމުގައި ފާޙިޝްވަހަކަތަށް އިންޓަރނެޓް މެދުވެރިކޮށް ދައްކައެވެ. އެފަދަ ކަންކަންކުރާ ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެނީ އެމީހުން މިޢަމަލު ހިންގާ އިރު އެމީހުންގެ މަންމަ ނުވަތަ ބައްޕައަށް އެމަންޒަރު ފެނުމުން ކުރެވޭނެ އިޙްސާސް ޚިޔާލަށް ގެނެސްގަތުމަށެވެ....

އެދެމީހުންނަށްވުރެ ލަދުވެތިވުން ޙައްޤު ފަރާތެއް އަބަދު އަޅުގަނޑުމެންގެ ޢަލްތަކަށް ބައްލަވައިވޮޑިގެންވާއިރު އެފަރާތާމެދު ލަދުވެތިނުވަނީ ކީއްވެހެއްޔެވެ؟
ޚުލާޞާ: އަންހެނަކާއި ފިރިހެނެއްގެ ލަދުވެތިކަމުގެ ވަރަށް މަތިވެރި މިސާލެއް އަޅުގަނޑު ލިޔެލާނަމެވެ. ސައްޔިދުނާ މޫސާގެފާނާއި ޞާލިޙް ބޭފުޅާގެ ދަރިކަބަލުންގެ ވާހަކައެެވެ. އެވާހަކަވަނީ ސޫރަތުލް ޤަޞަޞްގައެވެ. އެކަލޭގެފާނު ފިރުޢައުނަށް ފިއްލަވައިގެން މަދުޔަނަށް ވަޑައިގެންނެވި ހިނދުގައެވެ. އެއާޔަތްތަކުގެ މާނައަކީ:
"މަދުޔަންގެ ވަޅުތަކާ ހަމައަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނަށް އެތަނުގައި މީސްތަކުން އެބައިމީހުންގެ ގެރިބަކަރިއަށް ފެންދެނިކޮށް ފެނިވަޑައިގަތެވެ. އަދި އެމީހުންނާ ވަކިން އެންމެން އަވިދިވެ ނިމުމުގެ އިންތިޒާރުގައި ތިބި އަންހެންކުދިންތަކެއް ފެނިވަޑައިގަތެވެ." (ޤަޞަޞް23) ދެއަންހެނުން އެއްފަރާތެއްގައި ތިބުމުން ވަޑައިގެން ސުވާލުކުރެއްވިއެވެ. "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަދެކަބަލުންގެ ވާހަކައަކީ ކޮބައިތޯއެވެ؟ އެދެކަބަލުން ވިދާޅުވިއެވެ. އެންމެން ފެންދީ ނިމުމުން ނޫނީ އަޅުގަނޑުމެން ފެންނުދެމެވެ. އަދި އަޅުގަނޑުމެންގެ ބައްޕަވަނީ ޢުމުރުންދުވަސްވެ، މުސްކުޅިވެފައެވެ." އެދެކަބަލުން ވިދާޅުވީ ފަހެ ކީކީކޭތޯއެވެ؟ ތިމަންމެންގެ މައްސަލައަކީ މިއޭ އެއޭތޯއެވެ؟ އެކަލޭގެފާނު އެދެކަނބަލުން އެހީތެރިވެވަޑައިގަތުމާމެދު ލަދުވެތިވެވަޑައެއްނުގަތެވެ. އެހެންނަމަވެސް ނިމެންދެން ދުރަށް ޖެހިވަޑައިގަތެވެ. "އަދި އެކަބަލުންގެ ތެރެއިން އެއްބޭކަބަލަކު ލަދުވެތިގޮތެއްގައި ވަޑައިގެން ވިދާޅުވިއެވެ. ތިމަން ބޭކަބަލުންގެ ގެރިބަކަރިއަށް ފެންދެއްވީތީ އެކަމަގު ބަދަލުގައި އަގު ހޯއްދެވުމަށް ކަލޭގެފާނު ވަޑައިގަތުމަށް އެބަވިދާޅުވެއެވެ."

މާނައަކީ: އެކަމަނާގެ ހިނގުމުގައިވެސް ލަދުވެތިކަން ހިމެނެއެވެ.އަދި ވާހަކަދެއްކެވުމުގައްޔާ ޙަރަކާތްތަކުގައި ލަދުވެތިކަން ހިމެނެއެވެ.

މިއީ އަޅުގަނޑުމެން ބޭނުންވާ ލަދުވެތިކަމެވެ. މީހުންގެ މެދުގައި އޮންނަ އެންމެ މުހިންމު ޞިފައަކީ ﷲއާ މެދު ލަދުވެތިވުމެވެ. އަހަރުމެންގެ ޒުވާނުންނެވެ. އޭ އަހަރުމެންގެ އަހުލުވެރިންނެވެ. އޭއަހަރުމެންގެ އަންހެންކުދިންނެވެ. އަހަރުމެން މާތްﷲއާމެދު ލަދުވެތިނުވާނަމަ، އެކަލާނގެ ޙަޒްރަތުގައި ތިބެންޖެހޭ ދުވަހު އަހަރުމެންގެ ޙާލަކީ ކޮބާހެއްޔެވެ؟ އެކަލާނގެ އެދުވަހުން ވަޙީކުރައްވާނެއެވެ. މިވެނި ފާފައެއް ހަދުމަވޭހެއްޔެވެ؟ ކަލޭގެ ފޮތް ކިޔާށެވެ. އެހެންކަމުން ޤިޔާމަތް ދުވަހު ﷲއާ ކުރިމަތިލުމުގެ ބާރު ހޯދުމަށެވެ.

ނޯޓު:

މިފަދަ ލިޔުންތައް ތަރުޖަމާ ކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިގަމުންދާ ފާސިދު ޢަމަލުތައް ނައްތާލަން މަސައްކަތްކުރުމެވެ. ޒުވާނުންގެ މެދުގައި ދީނުގެ ލޯބި އުފެއްދުމެވެ. ލިޔުން ދިގު ނަމަވެސް ލިޔުން އެކީ ވިދާޅުވެއްޖެ ބޭފުޅަކަށް މިލިޔުމުން ފައިދާ ލިބޭނެކަމުގައި ފެނެއެވެ. އެއީ މިލިޔުމުގެ ބާވަތުންނެވެ. މިޒަމާނުގެ މުޖުތަމަޢުގެ ޒުވާނުންގެ ޢަމަލުތަކާ ގުޅޭތީއެވެ. އެކަންކަމުގެ މައްޗަށް ބަލައިފައިވާތީއެވެ. ﷲ ސުބުޙާނަހޫ އެކަލާނގެ ތަނަވަސް ރަޙްމަތުން މިޤައުމުގެ ޒުވާނުންނަށް ތެދުމަގަށް މަގުދައްކަވައި، މިޤައުމަށް އަދަށްވުރެ ފެހި އުޖާލާ މާދަމާއެއް ދައްކަވާފާންދޭވެ! އާމީން
ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.